ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި


  • ފުރުޞަތު ހުޅުވާލީ މިއަދު 10:00 އިން ހޯމަ ދުވަހުގެ މެންދުރުފަހު 1:00އަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މިމަހުގެ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އެކޮމިޝަނުން ވިދާޅުވީ މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަނިކަމަށެވެ. އަދި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ މާލެއަށްކަމަށް އިލެކްޝަންސް އިން ވިދާޅުވިއެވެ.

ރިސޯޓެއްގައި ނުވަތަ ޖަލުގައި ނުވަތަ ރަށްވެހިވެފައިވާ ރަށްނޫން އެހެންރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށެވެ.

ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެކަމަށާއި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް ޗެކް ކުރެވޭނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް nުވަތަ ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ.

'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ. 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެއެވެ.

މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ 2026 މޭ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2026 މޭ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށްކަމަށާއި، ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުން ދައްކާގޮތުގައި މި ބައި-އިލެކްޝަންގައި 4،114 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.