އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ދެމެދު އޮތް ފަރަގު 2 ޕޮއިންޓަށް ކުޑަކޮށްފި އެވެ.
މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 36 މެޗުން 77 ޕޮއިންޓް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 79 ޕޮއިންޓެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ސިޓީ ނިކުތްއިރު އެ ޓީމުގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗަށް ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ހަ ބަދަލެއް ގެނެސްފަ އެވެ.
އެގޮތުން ފޯމުގައި މިވަގުތުތިބި ސިޓީގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމުގައިވާ އާލިން ހާލަންޑް އާއި ޖެރެމީ ޑޯކޫގެ އިތުރުން ރަޔާން ޗާރކީ ހިމެނެ އެވެ.
މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 32 ވަނަ މިނިޓުގައި ފިލް ފޯޑެން ދިން ޕާހަކުން އެންޓޮއިން ސެމެންޔޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ފޯޑެންގެ އިތުރުން ޕާހަކުން އުމަރު މަރްމޫޝް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ސިޓީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ސަވީނިއޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އާސެނަލްގެ އިތުރުން ސިޓީ އަށްވެސް ލީގުގައި ބާކީ ދެ މެޗު އޮތްއިރު އެ ދެ މެޗު ކާމިޔާބުކޮށްގެން އާސެނަލް އަށް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ. ނަމަވެސް ސިޓީއަށް ލީގު ޗެމްޕިއަންކަން ލިބޭނީ އާސެނަލް މެޗަކުން ބަލިވެ ސިޓީ ކުޅެން ޖެހޭ ދެ މެޗުން އެ ޓީމު މޮޅުވެގެންނެވެ.