އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ފުޅާވެގެންދިޔަ ދަނޑިވަޅުގައި، ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުވި ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެ ޤައުމުން އީރާނުގެ ސަރަޙައްދުތަކަށް ސިއްރިޔާތުގައި ޙަމަލާތަކެއް ދީފައިވާ ކަމުގައި މަޞްދަރުތަކުން ތުހުމަތުކޮށްފިއެވެ. މި ކަމުގެ މަޢުލޫމާތު ލިބިފައިވާ ހުޅަނގުގެ ދެ އޮފިޝަލަކާއި އީރާނުގެ ދެ އޮފިޝަލަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ސަޢޫދީ ޢަރަބިއްޔާގެ އަސްކަރިއްޔާއިން އީރާންގެ ރަށްތަކަށް ޙަމަލާތަކެއް ދީފައިވާ ކަން އެނގިފައިވާ ފުރަތަމަ ފަހަރެވެ. ސަޢޫދީ ޢަރަބިއްޔާގެ ވައިގެ ސިފައިން މާރިޗު މަހުގެ ފަހުކޮޅު އީރާނަށް ޙަމަލާ ދީފައި ވަނީ، އެމެރިކާގެ އަސްކަރިއްޔާގެ ރައްކާތެރިކަމަށް ބުރަވެފައި އޮތް އޮތުން ފޭލުވުމުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ރައްދުގައި އީރާނުން ވަނީ ގަލްފް ކޯޕަރޭޝަން ކައުންސިލުގެ (ޖީސީސީ) ހުރިހާ ޤައުމަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާދީފައެވެ. އަދި، އީރާނާއި އެމެރިކާއިން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ވިޔަފާރިއަށް ވަނީ ބުރޫއަރުވާފައެވެ. ސަޢޫދީ ޢަރަބިއްޔާގެ އިތުރުން އެކުވެރި ޢަރަބި ޢިމާރާތުން (ޔޫއޭއީ) ވެސް އީރާނަށް ޙަމަލާތަކެއް ދީފައިވާ ކަމުގައި އެމެރިކާގެ ނޫހަކުން ރިޕޯޓުކުރިއެވެ. އީރާނާ ދެކޮޅަށް ޔޫއޭއީން ހަރުކަށި ސިޔާސަތެއް ތަންފީޒުކުރަން ފަށާފައިވީ ނަމަވެސް، ރިޔާޟުން އިސްކޮށްފައި ވަނީ ތެހްރާނާއެކު އޮންނަ ސިޔާސީ ގުޅުން މެދުވެރިކޮށް މަސްރަޙު ފިނިކުރުމަށެވެ. ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވީ، ރިޔާޟުގެ ދާއިމީ ސިޔާސަތަކީ ސަރަޙައްދީ ހަމަޖެހުމަށް ޓަކައި ކެތްތެރިކަން އިސްކުރުން ކަމުގައެވެ.
އިސްލާމީ ދެ ބާރުގެ މެދުގައި އޮތް މި ނުތަނަވަސްކަން ކުޑަކުރުމަށް ޓަކައި، އެޕްރީލު 7 ގައި ވޮޝިންގްޓަނާއި ތެހްރާނުން ޙަމަލާތައް މެދުކަނޑައިލުމުގެ ކުރިން، ދެ ޤައުމުން ވަނީ ސިއްރު މަޝްވަރާތަކެއްކޮށް މަސްރަޙު ފިނިކުރުމުގެ އެއްބަސްވުމަކަށް އައިސްފައެވެ. އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕުގެ ޢަލީ ވާޢިޟް ވިދާޅުވީ، ރިޔާޟުން ސިއްރުން ދިން ޙަމަލާތަކަށްފަހު ތެހްރާނާއެކު އެއްބަސްވުމެއް އެކުލަވައިލުމުން ދޭހަވަނީ، ހަނގުރާމަ ފުޅާވެއްޖެނަމަ ދެ ފަރާތަށް ވެސް އުފުލަންޖެހޭނެ ބުރަ ބޮޑުވާނެ ކަން ދެ ޤައުމުން ވެސް ޤަބޫލުކުރާ ކަން ކަމުގައެވެ. މާރިޗު މަހުގެ ފަހު ހަފުތާގައި އީރާނުން ސަޢޫދީ ޢަރަބިއްޔާއަށް 105 ޙަމަލާއެއް ދީފައިވީ ނަމަވެސް، އެއްބަސްވުމަށް ފަހު އެޕްރީލު މަހުގެ ފުރަތަމަ ހަފުތާގައި ޙަމަލާތަކުގެ އަދަދު ވަނީ 25 އަށް ތިރިވެފައެވެ.
ތެހްރާނާއި ރިޔާޟާއި ދެމެދު ސުލްޙަ ޤާއިމުކޮށް، ޚާރިޖީ ގުޅުންތައް ހަރުދަނާކުރުމަށް ޗައިނާއިން މެދުވެރިވެގެން 2023 ވަނަ އަހަރު ވަނީ އެއްބަސްވުމެއް އެކުލަވައިލާފައެވެ. ނަމަވެސް، އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައާއެކު ތެހްރާނާއި ރިޔާޟާ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. ސަޢޫދީ ޢަރަބިއްޔާގެ ޖާސޫސީ އިދާރާގެ ކުރީގެ އިސް އޮފިޝަލަކު ވިދާޅުވީ، މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުުގައި އީރާނާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ފެށުމުގެ ބަދަލުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ރިޔާޟުން ނިންމާފައިވާ ކަމުގައެވެ. ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން އަލް-ސުޢޫދު ވިދާޅުވީ، ބޭނުންވެއްޖެ ހިނދެއްގައި އަސްކަރީ ފިޔަވަޅު އެޅުމުގެ ޙައްޤު ސަޢޫދީ ޢަރަބިއްޔާއަށް ލިބިގެންވާ ކަމުގައެވެ.