ޚަބަރު

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ބަޔަކު ހައްޔަރުކޮށްފި


  • ޒާކިރު ހޮސައިން 15 ދުވަހަށް، މުޙައްމަދު ފައުޒާން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި / އެދުރުގެ، އުމުރުން 35 އަހަރުގެ މުޙައްމަދު ފައުޒާން އާއި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 29 އަހަރުގެ ޒާކިރު ހޮސައިންއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ގުޅިގެން، މި މެއި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒާކިރު ހޮސައިން 15 ދުވަހަށް އަދި މުޙައްމަދު ފައުޒާން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.