އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ވިޔަފާރިވެރިންނަށް ހުޅުވާލައިފިއެވެ. ރާއްޖޭގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ މައި ހަބަކަށް އައްޑޫ ސިޓީ ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އައްޑޫ ބިޒްނަސް ޑައިލޮގް އޮންނާނީ މިމަހުގެ 13 އިން 14 އަށް އައްޑޫ ސިޓީގައެވެ. މި ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ސިޓީގެ ހުރިހާ ވިޔަފާރިވެރިންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މިޑައިލޮގުގައި ބައިވެރިވެވޭނެކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
"އައްޑޫ ބިޒްނަސް ޑައިލޮގް: ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން" މި ޝިޔާރުގެ ދަށުން، އައްޑޫ ސިޓީގައި ބާއްވާ ބިޒްނަސް ފޯރަމަކީ، އައްޑޫ ސިޓީގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ލިބޭނެ އިނާޔަތްތަކުގެ އިތުރުން ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ.
މި ފޯރަމްގެ ތެރެއިން އެކި ސިނާޢަތުގެ ހިއްސާދާރުންނާ ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި ލިބޭނެ ލުއިތަކާ ބެހޭ މައުލޫމާތުދީ ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާނެކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އައްޑޫގައި ބާއްވާ ބިޒްނަސް ފޯރަމަކީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި އިޢުލާނުކުރެއްވި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ އިންވެސްޓްމަންޓް ޒޯންތައް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން އައްޑު އަތޮޅަކީ ރާއްޖޭގެ އައިޓީ ހަބަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީގައި ބާއްވާ މި ފޯރަމްގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި، މަސްވެރިކަމާއި އަދި އެހެނިހެން ސިނާޢަތްތަކުގެ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީ، މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަން އަދި މާލީ ވުޒާރާ ހިމެނޭހެން ސަރުކާރުގެ ގިނަ އިދާރާތަކަކުން މި މަޝްވަރާތަކުގައި ބައިވެރިވާނެއެވެ.
ސަރުކާރުގެ އަމާޒަކީ 2027 އިން 2029 އަށް އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދިނުމެވެ.