ޚަބަރު

މެސީގެ ރެކޯޑާއިއެކު އިންޓަރ މަޔާމީ މޮޅުވެއްޖެ


އެމެރިކާގެ މޭޖަރ ލީގުގައި ރޭ ޓޮރޮންޓޯ އެފްސީ އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި އިންޓަރ މަޔާމީ ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި އޯލަންޑޯ ސިޓީ އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗުން އެ ޓީމު ވަނީ 4-3 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އިންޓަރ މަޔާމީގެ ރޮޑްރިގޯ ޑިޕޯލް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އިންޓަރ މަޔާމީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި ސަރޖިއޯ ރެގަލިން ކާމިޔާބުކުރިތާ ދެ މިނިޓު ފަހުން ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި މެސީ ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ އެމެރިކާގެ މޭޖަރ ލީގުގައި އެންމެ އަވަހަށް 100 ލަނޑު ޖެހުމުގައި އެހީތެރިވި ކުޅުންތެރިޔާއަށް ވެފަ އެވެ. މެސީ މި އަދަދު ހަމަކޮށްފައިވަނީ ޖުމްލަ 64 މެޗުންނެވެ.

2023 ވަނަ އަހަރުގެ ސީޒަނުގެ ފަހުކޮޅު އިންޓަރ މަޔާމީ އާއި ގުޅުނު މެސީ ވަނީ އެ ކްލަބަށް 59 ލަނޑު ޖަހައިދީ 41 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޓޮރޮންޓޯ އިން މި މެޗުގައި ޖެހި ދެ ލަނޑަކީ މެޗުގެ ފަހު 8 މިނިޓުގެ ތެރޭގައި އަރިސްޓިޒަބާލް ކާމިޔާބުކޮށްދީފައިވާ ދެ ލަނޑެވެ.