ޚަބަރު

"ޤައުމީ ޓީމުގެ ކުރިއެރުމަށް ޗައިނީޒް 8 ބޯލާއި ސުނޫކާ މުހިއްމު"


  • "އިތުރު ބާވަތްތައް ތައާރާފްކޮށް ބައިނަލްއަގްވާމީ މުބާރާތްތައް ހޯސްޓްކުރުން މުހިންމު"

  • "ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުގެ އެއްބާރުލުން ދަނީ ލިބެމުން"

ކިއު ބޯލް ގޭމްސްގެ ތެރެއިން މިވަގުތު ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެންމެ މަޝްހޫރު އެއް ބާވަތަކީ ޗައިނީޒް އެއިޓް ބޯލް އާއި ސުނޫކާ ކަމަށާއި، މި ބާވަތްތައް ތައާރަފް ނުކުރެވިއްޖެނަމަ، ބައިނަލްއަގްވާމީ މުބާރާތަކަށް ޤައުމީ ޓީމު ތައްޔާރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ޗެއާޕާސަން އަހުމަދު ނާސިފް ވިދާޅުވެއްޖެއެވެ.

އެސޯސިއޭޝަނުގެ ޗެއާޕާސަންގެ މަގާމަށް، އައު ދައުރަކަށް އިންތިހާބުވެވަޑައިގެންނެވުމަށްފަހު، އައު ހިންގާ ކޮމިޓީން ކުރިޔަށް އޮތްތަނުގައި އެންމެ އިސްކަން ދެއްވާނެ ކަންކަން ޕީއެސްއެމް ނިއުސް އާއި ހިއްސާ ކުރައްވަމުން ނާސިފް ވިދާޅުވީ އަމާޒަކީ ޕޫލް ބިލިއާޑުގެ ވަސީލަތް ތިން ގުނަ އިތުރު ކުރުން ކަމަށެވެ. އަދި މިކަމަށް ސަރުކާރުގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.

"ތިން ގުނައޭ އަޅުގަނޑު މި ދެންނެވީ، މިހާރު އެންމެ މަޝްހޫރު ޓޯނަމަންޓްތަކުގައި މިހިރީ ޗައިނީޒް އެއިޓް ބޯލް، ސްނޫކާ. އެއީ ސާކް ރީޖަނާއި، މެދު އިރުމައްޗާއި، އީސްޓް އޭޝިއާޔަށް ބެއްޔަސް ވަރަށް ބޮޑެތި އިނާމު ހުށަހެޅިފައި ހުރި އަދި މިހާރުގެ މާހައުލަށް އިތުރުވަމުންދާ ކިއު ސްޕޯޓްސްތައް. މި ކުޅިވަރުތައް އަޅުގަނޑުމެންގެ މާހައުލަށް ނުގެނެވިއްޖެނަމަ އަޅުގަނޑުމެން ތިބޭނީ ވަރަށް ތައްޔާރުނުވެވި ބައިނަލްއަގްވާމީ މުބާރާތްތަކަށް، އެހެންވީމަ މި އައު ވައްތަރުތައް އަޅުގަނޑުމެންގެ ތެރެއަށް ގެނައުމަށް އަމާޒު ހިފައިގެން މިދަނީ" ނާސިފް ވިދާޅުވިއެވެ.


މިދައުރުގައި ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނައުމަށް އަދި ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް މިހާރަށްވުރެ ވަސީލަތްތައް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީވެސް އެސޯސިއޭޝަނުގެ ބޮޑު އަމާޒެއް ކަމަށް ނާސިފް ފާހަގަކުރެއްވިއެވެ.

ނާސިފް ވިދާޅުވީ "الله އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސަރުކާރުގެ ސަޕޯޓްވެސް އެބަލިބޭ ސަރުކާރުން މި ކުޅިވަރު ކުރިއެރުވުމަށްޓައި ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް އެއްބާރުލުން ލިބޭ" ކަމަށެވެ.

ކިއު ސްޕޯޓްސްގެ އެކި ބާވަތްތައް އިތުރުކޮށް ދިވެހި ކުޅުންތެރިންނަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް، މާލޭގައި ހުންނަ ޕޫލް ބިލިއާޑް ހޯލާއި، ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ހޯލުގެ އިތުރުން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިތުރު ފެސިލިޓީއެއް ގާއިމުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް ނާސިފު ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ފެންވަރަށް، ދިވެހި ކުޅުންތެރިން ގެނައުމަށްޓަކައި ކުރަން ޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރިކަމަށާއި، އެގޮތުން ބިލިއާޑް އެރީނާއެއް ގާއިމުކޮށް ރާއްޖެއަށް ބައިނަލްއަގްވާމީ ގިނަ މުބާރާތްތައް ހޯސްޓް ކުރުމުގެ ފުރުސަތު ފަހިވާން ޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ "އިންޓަނޭޝަނަލް ސްޓޭންޑަށް އަޅުގަނޑުމެންގެ ކުޅުންތެރިން ގެނައުމަށްޓަކައި ކުރަންޖެހޭ ބައިވަރު މަސައްކަތްތަކަކާއެކީ އަޅުގަނޑު ދަންނަވާނީ އިތުރަށް ބިލިއާޑްގައި އަދި ޗައިނީޒް ބިލިއާޑް މުބާރާތްތައް ހޯސްޓް ކުރުމަށް އެރީނާއެއް އަޅުގަނޑުމެންނަށް ގާއިމުކުރެވިގެން ދިއުން" މިއީ އެސޯސިއޭޝަނުން ހާސިލުކުރަން ބޭނުންވާ ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

އެމްޕީބީއޭގެ މެންބަރޝިޕް އިތުރުވެ، ރާއްޖޭގައި މި ކުޅިވަރު ކުރިއަރަމުންދާ ސްޕީޑާއި އެއްވަރަށް އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ. އަދި މި ކުޅިވަރަށް އައު ޖީލެއް ބިނާކުރުމުގައިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ފާހަގަކުރެއްވިއެވެ.

ބިލިއާޑްގެ ވަސީލަތް އިތުރުކުރުމާއެކު ބިލިއާޑުގެ އައު ޖީލެއް ބިނާކުރުމުގެ ވިސްނުމާއެކު ކުރިޔަށް އޮތްތަނުގައި ހަގު އުމުރުފުރާތަކުގެ ޓީމުތައް އުފެއްދުމަށް އެސޯސިއޭޝަނުން ސުކޫލުތަކާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް ނާސިފު ވިދާޅުވިއެވެ.