ޚަބަރު

ދެވަނަ މެޗު ކާމިޔާބުކޮށް ރެހެންދި ސްކޫލަށް އުއްމީދެއް


  • މި މެޗުން ރެހެންދި ސްކޫލް މޮޅުވެފައި ވަނީ 0-4 ކުން

  • ރެހެންދި ސްކޫލް ކުޅުނު 2 މެޗުން ލިބިފައިވަނީ 3 ޕޮއިންޓު އަދި ފައިދާ 1 ގޯލު

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ރެހެންދި ސްކޫލް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް، ދެވަނަ ބުރަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިއްޖެއެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުޅުނު މިމެޗުގައި އަމީނިއްޔާ ސްކޫލްގެ މައްޗަށް ރެހެންދި ސްކޫލުން ކުރިހޯދާފައި ވަނީ 0-4 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހައި ރެހެންދި ސްކޫލުން ލީޑު ނަގާފައިވަނީ 17 ވަނަ މިނެޓުގައެވެ. އަމީނިއްޔާ ސްކޫލަށް ލިބުނު ގޯލް-ކިކެއްގައި ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ރެހެންދި ސްކޫލްގެ 2 ވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 26 ވަނަ މިނެޓުގައެވެ.

ރެހެންދި ސްކޫލުން ވަނީ، ފުރަތަމަ ހާފުގެ 30 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަތުގުގައި އެޓީމުގެ 3 ވަނަ ގޯލު ކާމިޔާބުކޮށް، ލީޑު އިތުރަށް ފުޅާކޮށްފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި އަމީނިއްޔާއިން ރެހެންދި ސްކޫލުގެ ގޯލު ފޫއަޅުވާލިނަމަވެސް، ލައިންސްމަން ނިންމެވީ އެއީ އޮފްސައިޑު ގޯލެއް ކަމަށެވެ. ރެހެންދި ސްކޫލުން ވަނީ ނަތީޖާއެއްގެ ގޮތުން ލިބުނު ޖެހުން ކުރިއަށް ފޮނުވާލައިގެން އުފެއްދި ހަމަލާއިން، މެޗުގެ 37 ވަނަ މިނެޓުގައި އެޓީމުގެ 4 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ.

އަމީނިއްޔާ ސްކޫލަށް ވަނީ، މެޗުގެ އިތުރު ވަގުތުގައި ގޯލެއް ޖެހުމަށް ރަނގަޅު އެތައް ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭގެން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަކަށް ނުހިފުނެވެ.

މި ނަތީޖާއާއެކު، ރެހެންދި ސްކޫލް ކުޅުނު ދެ މެޗުން އެޓީމަށް މިވަނީ 3 ޕޮއިންޓް އަދި ފައިދާ 1 ގޯލު ލިބިފައެވެ. އެޓީމުގެ ފުރަތަމަ މެޗުން، 1-4 ގެ ނަތީޖާއިން މަޖީދިއްޔާ ސްކޫލް އަތުން ބަލިވުމުން މިމެޗު ވެފައިވަނީ ރެހެންދި ސްކޫލު މޮޅުވުން މަޖުބޫރު މެޗަކަށެވެ.