"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށޫގެ ފުޓުބޯޅަ މުބާރާތުގައި ހިންމަފުށީ ސްކޫލް މައްޗަށް ހޯދި ބޮޑު މޮޅާއެކު، އިސްކަންދަރު ސްކޫލަށް މުބާރާތުގެ ދެވަނަ ބުރު ޔަގީންވެއްޖެއެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުޅުނު މި މެޗު އިސްކަންދަރު ސްކޫލުން ކާމިޔާބުކޮށްފައި ވަނީ 0-7 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން އިސްކަންދަރު ސްކޫލުން ވަނީ ހުއްޓުމެއްނެތި ހިންމަފުށީ ސްކޫލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ 16 މިނެޓުގެ ތެރޭގައި 4 ގޯލު ކާމިޔާބުކޮށްފައެވެ. މީގެ ތެރެއިން ދެވަނަ ގޯލަކީ، ހިންމަފުށީ ސްކޫލް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓުކޮށް، ގޯލަށް ނުރައްކާކޮށްފައި ވަނީ އިސްކަންދަރު ޓީމުންނެވެ.
ދެވަނަ ހާފުގައި ހިންމަފުށީ ސްކޫލަށް ނުރައްކާތެރި ހިސާބަކުން ހިލޭޖެހުމެއް ލިބުނެވެ. ނަމަވެސް، މި ޖެހުމުން ހިންމަފުށީ ސްކޫލް ކުޅުންތެރިން ފޮނުވާލި ހަމަލާ އަމާޒުވީ އިސްކަންދަރު ސްކޫލުގެ ދިފާއީ ފާރަށެވެ.
މެޗުގެ 43 ވަނަ މިނެޓުގައި އިސްކަންދަރު ސްކޫލުން ވަނީ އިތުރު ގޯލެއް ޖަހައި، ލީޑު އިތުރަށް ފުޅާކޮށްފައެވެ. އަދި އެޓީމުގެ 6 ވަނަ ގޯލު މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައި ވާއިރު، 7 ވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ އޭގެ އެންމެ މިނެޓެއް ފަހުންނެވެ.
މި ނަތީޖާއާއެކު، ދެ މެޗުން އިސްކަންދަރު ސްކޫލަށް ލިބުނު 6 ޕޮއިންޓާއި ފައިދާ 9 ގޯލާއެކު، ގްރޫޕް 5 ގެ އެއްވަނައިގައި އެޓީމު ހަމަޖެހިލައިގެން އޮތް އިރު، އެޓީމަށް ދެވަނަ ބުރު މިވަނީ ޔަގީންވެފައެވެ.