މާދަމާ ފެށުމަށް ހަމަޖެހިފައިވާ "މާސްޓަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް" އަށް، ކަމާބެހޭ ހުރިހާ ފަރާތަކުންވެސް ލިބެމުން އަންނަނީ ވަރަށް ހޫނު ތަރުހީބެއްކަން ފާހަގަކޮށް، އެކަމަށްޓަކައި މާސްޓަރސް އެތުލެޓިކްސް މޯލްޑިވްސް އިން ޝުކުރުއަދާ ކޮއްފިއެވެ.
މުބާރާތަށް ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތައް "ޕީއެސްއެމް ނިއުސް"އާ ހިއްސާކުރައްވަމުން ކުލަބުން ވިދާޅުވީ، މުބާރާތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ހަލުއިމިނުގައި ކުރިއަށްދާ ކަމަށާއި، މި މުބާރާތަށް ކަމާބެހޭ އެންމެހައި ފަރާތްތަކުންވެސް ވަރަށް ބޮޑު ތަރުހީބަކާއި އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.
މި މުބާރާތަކީ، އުމުރުން ދުވަސްވުމާ ގުޅިގެން ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން ދިމާވާ އެކިއެކި ސިއްހީ މައްސަލަތައް މަދުކޮށް، ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަގުސަދުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށްގެންދާ މުބާރާތެއް ކަމަށް މާސްޓަރސް އެތުލެޓިކްސް މޯލްޑިވްސް އިން ވިދާޅުވެއެވެ.
މިއީ، 35 އަހަރުން މަތީގެ އެކި އެމުރުފުރާތަކަށް ބަހާލައިގެން، އެތުލެޓިކްސްގެ ހުރިހާ އިވެންޓެއް ހިމެނޭހެން ކުރިއަށްގެންދާ ފޯރިގަދަ، އަދި އެހާމެ ފައިދާހުރި މުބާރާތަކަށް ވާނެ ކަމަށް ކުލަބުން ވިދާޅުވެއެވެ.
ކުލަބުން ވަނީ، މުބާރާތް ކުރިއަށް ގެންދިއުމަށް އެއްވެސް ދައްޗެއް އަދި ގޮންޖެހުމެއްވެސް ނެތްކަން ފާހަގަކުރައްވާ، މިކަމަށް ދެއްވާ ތަރުހީބަށްޓަކައި ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމަށް ވަކީން ހާއްސަކޮށް ޝުކުރު އަދާކުރައްވާފައެވެ.
މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ލަންކާގެ 10 އެތުލީޓަކު ވާދަކުރާނެއެވެ. މި މުބާރާތަކީ 35 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެއްކަމުން، މުބާރާތް ތެރެއިން އެތުލީޓުންނަށް ރަނގަޅު ރެސްޓެއް ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން 5 ދުވަހަށް މުބާރާތް ދަންމާލަން މަސައްކަތްކުރާކަމަށް މާސްޓަރސް އެތުލެޓިކްސް މޯލްޑިވްސް އިން ވިދާޅުވެއެވެ.
މުބާރާތް ކުރިއަށްދާނީ، މެއި 7،8،9 މި ތިން ދުވަހުއެވެ.