ޚަބަރު

އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރައި ލޯނު ދޫކުރި މިންވަރު މިދިޔަ އަހަރު އިތުރު


  • މިދާއިރާއަށް ދޫކުރި ލޯނު ވަނީ މިދިޔަ އަހަރު %13 އިތުރުވެފައި

  • މިދިޔަ އަހަރު މި ދާއިރާ ވަނީ %3.7 ގެ ކުރިއެރުމެއް ހޯދާފައި

މިދިޔަ އަހަރު އިމާރާތްކުރުމުގެ ސިނާއަތުން ބޮޑުކުރިއެރުމެއް ހޯދާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

ރާއްޖޭގެ އިޤްތިޞާދުގައި ހިއްސާކުރާ މައިގަނޑު ސިނާއަތްތަކުގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތް ހިމެނެއެވެ. އިމާރާތްކުރުމުގެ ސިނާއަތް މިދިޔަ އަހަރު ކުރިއަރާފައިވާއިރު މާލީ އިދާރާތަކުން މި ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ އަދަދުވެސް އިތުރެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން ވިޔަފާރި ބޭންކުތަކުން އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް ދާއިރާއަށް ދޫކޮށްފައިވާ ލޯނު ވަނީ މިދިޔަ އަހަރު %13 އިތުރުވެފައެވެ. 2024ވަނަ އަހަރު ބޭންކުތަކުން އިމާރާތްކުރުމުގެ ސިނާއަތައް ދޫކޮށްފައިވާ ލޯނުގެ އަދަދު ހުރީ %10 ގައިކަމަށް މި ރިޕޯޓުން ދައްކައެވެ.

ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދަށް އައި މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި އަލަށް ތަރައްގީކުރާ ރިސޯޓުތަކަށާއި، މީހުން ދިރިއުޅޭ އިމާރާތްތަކާއި ހައުސިންގ މަޝްރޫއުތަކުގެ އިތުރުން ރިއަލް އެސްޓޭޓް ތަރައްގީކުރުމުގެ އެކި މަސައްކަތްތަކަށް ދޫކުރި ލޯނު އިތުރުވުމާ ގުޅިގެން އައި ބަދަލެއްކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

2024 ވަނަ އަހަރު އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން %1.7 ވަނީ ދަށްވެފައެވެ. ނަމަވެސް މިދިޔަ އަހަރު މި ދާއިރާއިން ވަނީ %3.7 ގެ ކުރިއެރުމެއް ހޯދާފައެވެ. އަދި ރިއަލް އެސްޓޭޓް ދާއިރާގެ އުފެއްދުންތެރިކަން 2024 ވަނަ އަހަރު 5.3 އިންސައްތައިގެ ކުރިއެރުމެއްގައި ހުރުމަށްފަހު، 2025 ވަނަ އަހަރު ވަނީ 3.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

2025ވަނަ އަހަރުގެ ތެރޭގައި އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް ދާއިރާގެ ހަރަކާތްތައް ބޮޑުތަނުން އިތުރުވެފައިވާކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. މިއީ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކުރި މިންވަރަށް އައި ބަދަލުން ސާފުކޮށް ފެންނަން އޮތް ކަމެއްކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. އެގޮތުން، 2024 ވަނަ އަހަރު މިފަދަ ތަކެތީގެ އިމްޕޯޓް %7 ދަށްވި ނަމަވެސް، 2025 ވަނަ އަހަރު ވަނީ %11 ގެ ކުރިއެރުމެއް ހޯދާފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން އަސަރުކުރާ ސިނާއަތްތަކުގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތް ހިމެނެއެވެ. އެގޮތުން އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ނުލިބުމާއި ބައެއް ތަކެތީގެ އަގު އުފުލުން ފަދަ ކަންކަން ހިމެނެއެވެ. މިކަމަށް ހައްލެއް ގެނެސްދިނުމަށް ވިޔަފާރިއާއި ބެހޭ ވަޒީރު ވަނީ މި ދާއިރާގެ ފަރާތްތަކާއި މަޝްވަރާވެސް ކުރައްވާފައެވެ.