ޚަބަރު

ޝަކުވާތަކަށް ބަލައި ޙައްޖުވެރިން ތިބޭ ހޮޓަލަށް ގިނަ ބަދަލުތަކެއް


  • ހޮޓަލުގެ މުހިންމު މަރާމާތުތައް ވަނީ ކުރިއަށް ގެންގޮސްފައި

  • ދަރުސް ދޭ ހޯލުގެ އިންތިޒާމްތައްވެސް ދަނީ ރަނގަޅުކުރަމުން

  • ބަގީއާއި ދޮންނަ މެޝިން ވަނީ އިތުރުކޮށްފައި

ކުރީގެ ތަޖުރިބާތަކަށް ބެލުމަށްފަހު މައްކާގައި ޙައްޖުވެރިން ތިބޭ ހޮޓަލަށް މިއަހަރު ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ޙައްޖުވެރިން ތިބޭ ހޮޓަލުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް، ހޮޓަލުގެ ވެރިފަރާތާ ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކޮށްފައިވާކަމަށެވެ. އެގޮތުން ހޮޓަލުގެ އިމާރާތުގެ ބައެއް މަރާމާތުތަކާއި އަދި ބައެއް ފަރުނީޗަރުވެސް އައުކޮށް، ބަދަލުކޮށްފައިވާކަމަށެވެ. އަދި ހޮޓަލުގެ ބައެއް އޭރިއާތަކުގައި ކާޕެޓާއި މުށިވެސް ބަދަލުކޮށްފައިވާކަމަށެވެ.

މީގެއިތުރުން ދީނީ ޕްރޮގްރާމްތަކުގެ ތެރެއިން ދަރުސް ދިނުމުގެ އިންތިޒާމްތައް މިހާރު އޮންނަގޮތާއި ގުޅޭގޮތުން ލިބުނު ޝަކުވާތަކަށް ބަލައި ދީނީ ޕްރެޒެންޓޭޝަންތައް ދޭއިރު ދަރުސްދޭ 2 ހޯލަށްވެސް ފެންނަގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

ޝަކީލް ވިދާޅުވީ މިނޫނަސް ޙައްޖުވެރިންގެ ލުއިފަސޭހައަށް އިތުރު ބަދަލުތައް ގެނެސްފައިވާކަމަށެވެ.

"މިފަހަރު އިތުރު ދޮންނަ މެޝިންތައް ވަނީ އިތުކޮށްފައި. އަދި ބަގީގެ ޚިދުމަތް ފުޅާކޮށް، މިހާރު 6 ބަގީ ބޭނުންކުރާނެ ޙަރަމާއި ހޮޓަލާ ދެމެދު ޙާޖީން ދަތުރުކުރުމަށް." ޝަކީލް ވިދާޅުވިއެވެ.

މިފަހަރު މިނާގެ އިންތިޒާމްތައްވެސް ވަރަށް ބޮޑަށް ރަނގަޅުވާނެއެވެ. އެގޮތުން މިނާގައި ދިވެހިން ތިބޭ ސަރަޙައްދުގެ ފާޚާނާތަކުގެ އަދަދުވަނީ 4 ގުނަ އިތުރުކޮށްފައެވެ. އަދި ދިވެހިން ތިބޭ ޓެންޓު ސަރަހައްދު ބޭނުންކުރާނީވެސް ދިވެހިން އެކަންޏެވެ.

ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ޙައްޖުވެރިން މައްކާއަށް ދާން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.