ޚަބަރު

ބީޖީ ބަލިކޮށް، ޓެންޓު ދެވަނަ ބުރުގެ އުއްމީދުގައި


  • ފަހަތުން އަރައި ޓެންޓު މޮޅުވީ 1-4 އިން

  • ޓެންޓު އެއްވަނައިގައި އޮތީ 10 ޕޮއިންޓާއި ފައިދާ ގޯލުގެ ތަފާތުން

މިހާރު ކުރިއަށްދާ މާލެ ރީޖަނަލް ލީގުގެ ދެވަނަ ޑިވިޝަން 2026 ގަ މުބާރާތުގެ ގްރޫޕް ބީގައި ޓެންޓް ސްޕޯޓްސް ކުލަބުން ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު، މުބާރާތުގެ ދެވަނަ ބުރުގެ އުއްމީދު ބޮޑުކޮށްފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ޓެންޓު މޮޅުވީ ބީޖީން ލަނޑެއް ޖަހާފައި ވަނިކޮށް، ފަހަތުން އަރައި 1-4 ގެ ނަތީޖާއަކުންނެވެ. މިއީ ޓެންޓުން ގުރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗަށްވާއިރު، ބީޖީއަށް ވަނީ މި މެޗާއެކު މުބާރާތް ނިމިފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބީޖީންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ބީޖީން ޖެހި މި ލަނޑަކީ، އެ ޓީމުގެ ނިހާން އޭރިއާ ތެރެއަށް ވަދެފައި ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު ގޯލަށް ޖަހަން މަސައްކަތްކުރި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ޓެންޓުގެ މުޙައްމަދު ވިލްފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއަކުން، ބީޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ޓެންޓުން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކުރިއިރު، މި ހާފުގެ ނުވަވަނަ މިނެޓުގައި އެ ޓީމަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ޕެނަލްޓީއެއް ވެސް ލިބިފައެވެ. އެހެންނަމަވެސް އެ ޓީމުގެ ސިންނަތަންބީ އިގްބާލް ފޮނުވާލި ޕެނަލްޓީ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގައި ޓެންޓުން ނަތީޖާ ހަމަހަމަކުރީ 63 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރޭގައި ހުރެފައި އިގްބާލް ޖެހި ބޯޅައެއް، ބީޖީގެ މުޙައްމަދު ނިޝާހުގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ގޯލުގެ ތެރެއަށް ބޯޅަ ވަދެގެން ޓެންޓަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.

މެޗުގައި ޓެންޓުން ފުރަތަމަ ފަހަރަށް ލީޑުނެގީ އޭގެ އިރުކޮޅެއް ފަހުން، އަބްދުލް މުޙައިމިން ނަގައިދިން ކޯނަރެއްގައި، ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަޒިޔަން އިބްރާޙީމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގައި އެ ޓީމުން ލީޑު ފުޅާކުރީ 72 ވަނަ މިނެޓުގައި އިގްބާލް ޖަހައިދިން ލަނޑާއެކުއެވެ.

މެޗުގައި ޓެންޓުން ހަތަރުވަނަ ލަނޑު ޖެހީ 78 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އާލިމް އަބްދުލް ޣައްޔޫމެވެ.

މި މޮޅާއެކު ޓެންޓަށް ވަނީ ފަސް މެޗުން ޖުމްލަ 10 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބިފައެވެ. އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވާނީ ބުދަ ދުވަހުގެ ހަވީރު ކުޅޭ މެޗުން ހެންވޭރިއަންސްއަށް މޮޅެއް ނުހޯދިއްޖެނަމަ ނުވަތަ ބުދަ ދުވަހުގެރޭ ލޮރެންޒޯ ބަލިވެއްޖެ ނަމައެވެ.

ތާވަލުގެ ދެވަނައިގައި އޮތް ލޮރެންޒޯއަށް ވެސް 10 ޕޮއިންޓު ލިބިފައިވާއިރު މިވަގުތު ޓެންޓް އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ތިންވަނައިގައި އޮތް ޔުނައިޓެޑް ހެންވޭރިއަންސްއަށް ލިބެނީ އަށް ޕޮއިންޓެވެ.