"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި، މުޙްޔިއްދީން ސްކޫލް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ، ދެވަނަ ބުރަށް ދިއުމަށް އެޓީމުން ކުރާ އުންމީދުތައް ފަނޑުވެއްޖެއެވެ. ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކެޔޮދޫ ސްކޫލާ ވާދަކުރި މެޗުން މުޙްޔިއްދީން ސްކޫލް ބަލިވެފައި ވަނީ 0-1 ގެ ނަތީޖާއިންނެވެ.
ފުރަތަމަ ހާފުގައި ފޯރިގަދަ ކުޅުމަކާއެކު، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފެނިގެންދިޔަ ނަމަވެސް ދެޓީމަށްވެސް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ކެޔޮދޫ ސްކޫލުން މެޗުގެ ލީޑު ނަގާފައި ވަނީ ދެވަނަ ހާފުގައި، މެޗުގެ 43 ވަނަ މިނެޓުގައެވެ. މިއާއެކު، މުޙްޔިއްދީން ޓީމު ޕްރެޝަރަށް ވެއްޓި، ގޯލެއް ޖަހަން މަޖުބޫރުވިއެވެ. ނަމަވެސް އެޓީމުން ކުރި މަސައްކަތުގައި ކުލަޖެހޭގޮތެއް ނުވިއެވެ.
މުޙްޔިއްދީން ސްކޫލް ކުޅުނު ފުރަތަމަ މެޗުން، މާފުށީ ސްކޫލް އަތުން ބަލިވެފައި ވަނީ 2-5 ގެ ނަތީޖާއިންނެވެ. އެހެންކަމުން، އެޓީމަށް މިހާތަނަށް ޕޮއިންޓެއް ލިބިފައި ނުވާއިރު، ގްރޫޕްގެ ފުލުގައި އޮތީ 4 ގޯލުގެ ގެއްލުމާވެސް އެކުގައެވެ.
އަނެއްކޮޅުން ކެޔޮދޫ ސްކޫލަށް ބަލާއިރު، އެޓީމު ކުޅުނު ދެމެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗުގައި ހުރަވީ ސްކޫލްގެ މައްޗަށް އެޓީމުން ކުރިހޯދާފައި ވަނީ 0-2 ގެ ނަތީޖާއިންނެވެ. މިއާއެކު، މި ނަތީޖާ ވެގެންދިޔައީ އެޓީމު ދެވަނަ ބުރަށް ދިއުމަށް ހުޅުވުނު އިތުރު ދޮރަކަށެވެ.