މިހާރު ކުރިއަށްދާ މާލެ ރީޖަނަލް ލީގުގެ ދެވަނަ ޑިވިޝަން 2026 ގަ މުބާރާތުގެ ގްރޫޕް އޭގައި ލެގޫން ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު ބިސްބުރު ސްޕޯޓްސް ކުލަބުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.\
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުން ބިސްބުރު މޮޅުވީ 0-5 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 އިން ބިސްބުރު ކުރީގައި އޮވެގެންނެވެ. އެ ޓީމުން މިހާފުގައި ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ މެޗުގެ 18 ވަނަ މިނެޓުގައި، އާމިރް ޝުއައިބް ނަގައިދިން ހުރަހަކުން އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ، ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މަޙްމޫދު އަޝްރަފް ކާމިޔާބުކޮށްދިން ލަނޑެކެވެ. އެ ޓީމުން ލީޑު ފުޅާކުރީ އޭގެ ތިން މިނެޓުފަހުން، މުޙައްމަދު ނަޝީދު ޖަހައިދިން ލަނޑާއެކުއެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ބިސްބުރުން ދެވަނަ ހާފު ފެށިއިރު މި ހާފުގައި އެ ޓީމުން ފުރަތަމަ ލަނޑު، މެޗުގެ ތިންވަނަ ލަނޑު ޖެހީ 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން އާމިރުއަށް، ލެގޫންސްގެ އިބްރާޙީމް އިސާރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން، އާމިރު ޖަހައިދިން ލަނޑެކެވެ.
މެޗުގައި ބިސްބުރުން ހަތަރުވަނަ ލަނޑު ޖެހީ 70 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން ނަޝީދެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި ބިސްބުރުގެ ފަސްވަނަ ލަނޑު ޖަހައިދީ ނަޝީދު ވަނީ މި މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މެޗުގެ ކުރިން ބިސްބުރުން ޖޭޖޭއާ ދެކޮޅަށް މިދިޔަ ހަފްތާގައި ކުޅުނު މެޗުން ބިސްބުރު 2-3 އިން މޮޅުވިއިރު، އެ މެޗުގައި ވެސް އެ ޓީމުގެ ތިން ލަނޑު ވެސް ޖަހައިދިނީ ނަޝީދެވެ.
މި މޮޅާއެކު ބިސްބުރަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓު ލިބިގެންނެވެ. ޖުމްލަ ހަ ޓީމު ހިމެނޭ މި ގުރޫޕުގެ އެއްވަނައިގައި މި މޮޅާއެކު ބިސްބުރު އޮތްއިރު މިރޭގެ މެޗުން ޖޭޖޭ ދެ ލަނޑުގެ ތަފާތަކުން މޮޅުވެއްޖެނަމަ، ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދާނީ ޖޭޖޭ އެވެ.
މި މެޗާ ކުރިމަތިލިއިރު ވެސް ލެގޫންސްއަށް އޮތީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ. ޖުމްލަ ފަސް މެޗުން ލެގޫންސްއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.