ވޯލްޑް ކަޕް ފެށުމުގެ 11 ދުވަސް ކުރިން ދެކުނު އެފްރިކާ މެކްސިކޯ އަށް ދަތުރު ކުރަން ނިންމައިފި އެވެ.
މި ގޮތުން އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ފަށާ މުބާރާތަށް ދެކުނު އެފްރިކާއިން މި މަހުގެ 30 ވަނަ ދުވަހު މެކްސިކޯ އަށް ދާނެ އެވެ. އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ބާއްވާ މުބާރާތް ފަށާނީ ޖޫން 11 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.
ދެކުނު އެފްރިލާގެ ކޯޗު ހޫގޯ ބްރޫސް ބުނީ އޭނާގެ ޓީމު އަވަހަށް މެޗު ކުޅޭ ގައުމަށް ދަނީ މާހައުލަށް ހޭނުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.
"ފުރަތަމަ ދުވަހު ވަރަށް އުނދަގޫވާނެ ފަރުތަކުރަން 100 ޕަސެންޓް ޔަގީން. ސަބަބަކީ އުސްވުމުގެ ސަބަބުން. މިހެންވެ އަހަރުމެން ބޭނުންވަނީ މިކަންކަމަށް ހޭނެން،" ކޯޗު ބުންޏެވެ.
މެކްސިކޯ އާއި ދެކުނު އެފްރިކާގެ މެޗު ކުޅޭ ޕަޗޫކާ އަކީ މެކްސިކޯ ސިޓީ އަށްވުރެ 200 މީޓަރު އުސްތަނެވެ. މެކްސިކޯ އަކީ ކަނޑުން ފެށިގެން 2200 މީޓަރު އުސްގައުމެކެވެ. މިއާ އަޅާ ބަލާއިރު ދެކުނު އެފްރިކާ މީހުން އުޅެނީ މިއަށްވުރެ 450 މީޓަރު ތިރީގައި އުޅޭ ބައެކެވެ.
ދެކުނު އެފްރިކާ އާއި މެކްސިކޯ ހިމެނެނީ ދެކުނު ކޮރެޔާ އާއި ޗެކިޔާއާއެކު ގްރޫޕް އޭގަ އެވެ. ދެކުނު އެފްރިކާގެ ދެ ވަނަ މެޗު ކުޅޭނީ އެޓްލާންޓާގައި ޖޫން 18 ވަނަ ދުވަހު އެވެ. އޭގެ ފަހުން ދެކުނު ކޮރެޔާއާ ދެކޮޅަށް ކުޅޭނީ ޖޫން 24ގަ އެވެ.
"މިއީ ފަސޭހަ ގްރޫޕެއް ނޫން. ފުރަތަމަ ކަމަކީ އަހަރުމެން ފުރަތަމަ ކުޅެން މި ޖެހެނީ މުބާރާތް ބާއްވާ ގައުމަކާ ދެކޮލަށް. މިއީ އަހަރުމެންނަށް ވަރަށް އުނދަގޫވާނެ މެޗެއް،" ކޯޗު ބުންޏެވެ.
ދެކުނު އެފްރިކާ އާއި މެކްސިކޯ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ހުޅުވި މެޗުގައި ކުޅުނު ދެ ގައުމެވެ. ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގައި ކުޅުނު އެ މެޗު ނިމުނީ 1-1އިން އެއްވަރު ވެގެންނެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރި ކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ.