ޕީއެސްއެމް ނިއުސްގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑު ސާއިދު އަހުމަދަށް ލިބިއްޖެއެވެ.
މިވަގުތު ސްޕޯޓްސް ޑެސްކުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރަމުން އަންނަ ސާއިދަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ އެންމެހާ ކުޅިވަރުތައް އެންމެ ތާޒާކަންމަތީ ޓީވީއާއި ރޭޑިއޯއަށް ފޯރުކޮށްދިނުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރާ، ވަރަށް ހިތްވަރު ގަދަ ނޫސްވެރިއެކެވެ.
ކުޅިވަރުގެ ދާއިރާއިން ޚަބަރާއި ޕްރޮގްރާމާއި ކޮމެންޓްރީއާއި އަދި މީހުން ބިނާކުރުމުގައިވެސް ސާއިދުގެ ދައުރު ވަރަށް ބޮޑެވެ.
އެޑިޓަރެއްގެ މަގާމު އަދާކުރަމުން އަންނަ ސާއިދަކީ، ޕީއެސްއެމް ނިއުސްގައި އެންމެ ގިނަ ދުވަސްވީ ކުޅިވަރު ނޫސްވެރިޔާއެވެ. ސާއިދުގެ ފަރުވާތެރިކަމާއި ހުނަރާއި ގާބިލުކަމުގެ އަގުވަޒަންކޮށް ޕީއެސްއެމުން މި އެވޯޑު ދީފައިވާއިރު އޭނާ ވަނީ އެންމެ ގަޑިއަށް ފަރުވާތެރި މުވައްޒަފުގެ އެވޯޑުވެސް ހޯދާފައެވެ.
ސާއިދުގެ ފާއިތުވި އަހަރުގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ސާފް ފުޓްސަލް ޗެމްޕިއަންކަން ހޯދި ޓީމު ރާއްޖެއައުމުން ކީ މަރުހަބާއާއި ގުޅޭ ހާއްސަ ލައިވް ކަވަރޭޖާއި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ލައިވް ކަވަރޭޖާއި ދިވެހި ޕްރިމިއާ ލީގުގެ ކަވަރޭޖާއި، ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖާއި، ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތައި، ޕްރެސިޑެންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ލައިވް ކަވަރޭޖު ވެސް ހިމެނެއެވެ.
އަދި މިހާރު ޕީއެސްއެމުން ހިލޭ އާންމުންނާއި ހަމައަށް ގެނެސްދޭން ތައްޔާރުވާ ފީފާ ވޯލްޑްކަޕް ކަވަރޭޖުގެ ކަންކަން ރޭވުމުގައިވެސް އެންމެ އިސްދައުރެއް އަދާކުރަމުން އަންނަނީ ސާއިދެވެ.
ޕީއެސްއެމްގެ އަހަރުގެ އެންމެ މޮޅު ތިން ސްޓާފުންގެ ތެރޭގައިވެސް ސާއިދުގެ ނަން ހިމެނެއެވެ. މީގެ އިތުރުން މިދިޔަ އަހަރު ކުޅިވަރު ވުޒާރާއިން ބޭއްވި ސްޕޯޓްސް އެވޯޑްސްގައިވެސް އޭނާގެ ހިދުމަތުގެ އަގު ވަޒަންކޮށް ސަރުކާރުން އެވޯޑެއް ދީފައިވެއެވެ. މޯލްޑިވްސް މީޑީއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމުވެސް އޭނާ ވަނީ ހާސިލުކޮށްފައެވެ.