ޚަބަރު

އެމްޕީބީއޭގެ ޗެއާޕާސަންގެ މަގާމަށް އައު ދައުރަކަށް ނާސިފް


  • ނައިބަކަށް މާހިދު، ހަޒާންދާރަކަށް ރައުފާ

  • އާންމު މެންބަރުންނަކީ ފަގީހާ އާއި ޝާވިން އަދި ޔޫސުފް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ޗެއާޕާސަންގެ މަގާމަށް އަހުމަދު ނާސިފް އިންތިހާބުކޮށް އައު ދައުރަކަށް ހިންގާ ކޮމިޓީ އެކުލަވާލައިފިއެވެ.

ކުރިޔަށް އޮތް ދައުރަށް އައު ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް ހޮނިހިރުދުވަހުގެރޭ ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިހާބު ބާއްވާއިފައިވާއިރު، ޗެއާޕާސަންގެ ނައިބު މަގާމަށް ހޮވިފައިވަނީ އަހުމަދު މާހިދެވެ. ހަޒާންދާރުގެ މަގާމަށް ހޮވިފައިވަނީ ފާތުމަތު ރައުފާ މުހައްމަދު ހާފިޒެވެ.

އާންމު މެންބަރުންގެ ފަޔާރުން ކަނޑައަޅާ ހިންގާ ކޮމިޓީގެ މެންބަރުގެ މަގާމަށް ހޮވިފައިވަނީ ތަޖުރިބާކާރު ބިލިއާޑް ކުޅުންތެރިޔާ ފަގީހާ އިބްރާހިމާއި ޢަލީ ޝާވިން އާއި ޔޫސުފް ޒުބެއިރެވެ.

މި މެންބަރުން ހިންގާ ކޮމިޓީއަށް އިންތިހާބުކޮށްފައިވަނީ ޕީލް ބިލިއާޑް އެސޯސިއޭޝާނުގެ 90 ޕަސެންޓް މެންބަރު ކުލަބުތަކުގެ ބައިވެރިވުމާއެކުގައި ކަމަށް އެސޯޝިއޭޝަނުން ބުނެއެވެ.

އައު ދައުރަކަށް، ނާސިފް ޗެއާޕާސަންގެ މަގާމަށް އިންތިހާބުކޮށްފައިވާއިރު ކުރީގެ ދައުރު ހަމަވާން ކައިރިވެފައިވަނިކޮށް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ އައު ދައުރަކަށް އޭނާގެ ތަސައްވަރާއި އަދި ދުރު މުސްތަގުބަލަށް އެސޯސިއޭޝަނުން ކުރާ އުންމީދުތަކާއި ގުޅޭ ގޮތުން ބައެއް މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން ސަރުކާރުގެ އެއްބާރުލުމާއެކު ބައިނަލްއަގްވާމީ ފެންވަރުގެ ޕޫލް ބިލިއާޑް އެރީނާއެއް ހުޅުމާލޭގައި ގާއިމުކުރުމާއި، ބައިނަލް އަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވި މި ކުޅިވަރުގެ މަގުބޫލުކަން އިތުރު ކުރުން ހިމެނެއެވެ. އަދި ސުކޫލު ކުދިންނަށް ހާއްސަ މުބާރާތްތަކާއި، ރިސޯޓުތަކުގެ މުވައްޒަފުންނަށް ހާއްސަ މުބާރާތައް އިންތިޒާމުކުރުމަކީ އެސޯސިއޭޝަނުގެ އަމާޒެއް ކަމަށް ނާސިފް ވިދާޅުވިއެވެ.