ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 167.6 މިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އިތުރުން އެތެރެވި ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ރާއްޖެއިން ބޭރަށް ވިޔަފާރި ނޫން ބޭނުންތަކަށް ފައިސާ ފޮނުވުން ނުވަތަ އައުޓްވާޑް ރެމިޓެންސް އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރުވަނީ އުފުލިފައެވެ. މިދިޔަ އަހަރު އައުޓްވާޑް ރެމިޓެންސް ގޮތުގައި 139،000 މުޢާމަލާތް ކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ. މިމުޢާމަލާތްތަކުގެ ޖުމްލަ 167.6 މިލިޔަން ޑޮލަރަށް އަރާކަމަށް، އެމްއެމްއޭއިން ވިދާޅުވިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އައުޓްވާޑް ރެމިޓެންސްގެ ނިސްބަތުން 94 އިންސައްތަ މުޢާމަލާތަކީ ބިދޭސީން ކޮށްފައިވާ މުޢާމަލާތްތަކެވެ. ބާކީ 6 އިންސައްތަ މުޢާމަލާތް ކޮށްފައިވަނީ ދިވެހީންކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
ބޭރަށް ފައިސާ ފޮނުވި މުޢާމަލާތްތަކުގެ ތެރެއިން ދިވެހިން ކޮށްފައިވާ މުޢާމަލާތް ނިސްބަތުން މަދު ނަމަވެސް، 2024 ވަނަ އަހަރާއި އަޅާބަލާއިރު ދިވެހިން ކުރި މުޢާމަލާތްތަކުގެ އަދަދު 11 އިންސައްތަ އިތުރު ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. މިމުއްދަތުގައި ބިދޭސީން ކުރި މުޢަމަލާތްތަކުގެ އަދަދުވަނީ 89 އިންސައްތަ އިތުރުވެފައެވެ.
ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވެފައިވާއިރު، ވިޔަފާރި ނޫން ބޭނުންތަކަށް ރާއްޖެއަށް ވަދެފައިވާ ފައިސާގެ މުޢަމަލާތްތަކުގެ ޖުމުލަ 3000 އަށް ވަނީ އަރާފައެވެ. މިމުޢާމަލާތްތަކުގެ އަގަކީ 2.9 މިލިޔަން ޑޮލަރެވެ. މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ރާއްޖެއަށް އެތެރެވި ފައިސާގެ މުޢާމަލާތްތައް 2024 ވަނަ އަހަރާއި އަޅާބަލާއިރުވަނީ 5 އިންސައްތަ ދަށްވެފައެވެ. އަދި މުޢާމަލާތްތަކުގެ އަގު ނިސްބަތުން ދަށްވެފައިވަނީ 1 އިންސައްތަ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުވި ފައިސާ އާއި ޚިލާފަށް އެތެރެވާ ފައިސާގެ ނިސްބަތުން ބޮޑުބައެއް ހިއްސާކުރަނީ ދިވެހިންނެވެ. މިއީ އިންވާޑް ރެމިޓެންސް މުޢާމަލާތްތަކުގެ 82 އިންސައްތަ ކަމަށް އެމްއޭއިން ވިދާޅުވިއެވެ. އަދި މިދިޔަ އަހަރާއި އަޅާބަލާއިރު ދިވެހިންނަށް ފައިސާ ލިބިފައިވާ މިންވަރު 4 އިންސައްތަ ވަނީ އިތުރުވެފައެވެ. ބިދޭސީންނަށް ފައިސާ ލިބިފައިވާ މިންވަރު މިދިޔަ އަހަރާއި އަޅާބަލާއިރު 20 އިންސައްތައިން ވަނީ ދަށަށް ގޮސްފައެވެ.
ރާޢްޖެއިން ބޭރަށް ރެމިޓެންސްގެ ގޮތުގައި ފައިސާ ފޮނުވާ މިންވަރު އިތުރުވެފައިވާއިރު އެމްއެމްއޭއިން ވިދާޅުވީ މިއީ ރަސްމީ އިންތިޒާމުތަކުގެ ތެރެއިން ބޭރަށް ފައިސާ ފޮނުވާ މިންވަރު އިތުރުވުމުން އައި ބަދަލެއް ކަމަށް ބެލެވޭ ކަމަށެވެ.