ޚަބަރު

އެސްޓީއޯ ހެލްތު ކެއާއިން ބޭޔަރ ފާމަސޫޓިކަލްސްގެ އުފެއްދުންތައް ތަޢާރަފުކޮށްފި


  • އުފެއްދުންތައް ތަޢާރަފު ކުރީ އެމްއެފްޑީއޭގެ އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެސްޓީއޯ ހެލްތު ކެއާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި "ބޭޔަރ"ގެ ފާމަސޫޓިކަލް އުފެއްދުންތައް ރަސްމީކޮށް ރާއްޖެއަށް ތަޢާރަފުކޮށްފިއެވެ.

މި އުފެއްދުންތައް ތަޢާރަފު ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތާއި، ޞިއްޙީ ދާއިރާގެ މާހިރުންނަށް އަމާޒު ކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ކުރިއަށް ދިޔައީ، މާލޭގެ ހޮޓެލް ޖެންގައެވެ. މި ބައްދަލުވުމުގައި ޞިއްޙީ ދާއިރާގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ ޞިއްޙީ މާހިރުންގެ އިތުރުން ބައިނަލްއަޤުވާމީ ޞިއްޙީ މާހިރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެސްޓީއޯއިން ވިދާޅުވީ، މި ރަސްމިއްޔާތުގެ މައިގަނޑު މަޤުސަދަކީ ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުންކުރާ އެންމެ ފަހުގެ އީޖާދީ ވަސީލަތްތައް ތަޢާރަފު ކުރުން ކަމަށެވެ. މިގޮތުން ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ހޯރމޯންއަށް އަންނަ ބަދަލުތަކާ ގުޅޭ ބަލިތަކާއި އެތެރެހަށީގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން ހޯދިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެސްޓީއޯ ހެލްތު ކެއާއިން ތަޢާރަފްކުރި ފަރުވާތަކަކީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުން ކުރަމުންދާ، ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ، އަދި ބަލި މީހުންގެ ފަރުވާގެ ނަތީޖާ ރަނގަޅު ކުރުމުގައި ކާމިޔާބުކަން ސާބިތުވެފައިވާ އީޖާދީ ފަރުވާތަކެއް ކަމަށް ވިދާޅުވިއެވެ. މި ފަރުވާތައް ރާއްޖެއަށް ތަޢާރަފް މިކުރީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހަރުދަނާ އަދި އިތުބާރު ހުރި އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

އެސްޓީއޯ ހެލްތު ކެއާއާއި ބޭޔަރ ކުންފުނި ގުޅިގެން ފެށި މި މަސައްކަތަކީ، ރާއްޖޭގެ ޤައުމީ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ދެ ފަރާތުން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށާއި، މި ފެށުނު ގުޅުމުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.