ޚަބަރު

ޗެމްޕިއަންގެ ފިންސް ޒޯހާއަށް ލިބުނީ ކިހިނެތް؟


  • މިއީ ބޮޑީ ބޯޑިންގެ ދުނިޔޭގެ އަންހެން ޗެމްޕިއަން ސާރީ އޮހައިރާގެ ފިންސެއް

  • ރާއްޖޭގައި ބޭއްވި ފުރަތަމަ އައިބީސީ އިވެންޓް، މޯލްޑިވްސް ޕްރޯގައި އޭނާ ބޭނުން ކުރި ފިންސް

އެކި ކުޅިވަރުތަކުގައި ދުނިޔޭގެ ޗެމްޕިއަނުންނާއި މަގްބޫލު ކުޅުންތެރިން ބޭނުންކުރާ ކުޅިވަރު އާލާތްތަކާއި ޖާޒީއާއި، ބޫޓުފަދަ ތަކެތި މެޗެއް ނިންމުމަށްފަހު ނުވަތަ މުބާރާތެއްގެ އުފާފާޅުކުރުމުގެ ގޮތުން ސަޕޯޓަރުންނާއި ދިމާއަށް އުކައެވެ. އަދި އެ ލިބޭ މީހަކީ ވަރަށް ނަސީބުވެރި މީހެއްކަމުގައި ދެކި އެ ލިބޭ އެއްޗެއް ރައްކާކޮށްފައިވެސް ބާއްވައެވެ.

މިސާލަކަށް ބުނާނަމަ ލިއޮނަލް މެސީގެ ބޫޓެއް، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޖާޒީއެއް ފަދަ އެއްޗެއް ސަޕޯޓަރުންދާ ދިމާއަށް އެއްލައިފިނަމަ ނުވަތަ އެއެއް ނަގަން ހުރިހާ ސަޕޯޓަރުން ތިބޭނީ ކެތްމަދުވެފައެވެ.

މި ދައްކަން އުޅެނީ ރާއްޖޭގެ ޖޫނިއާ ބޮޑީބޯޑިން އަންހެން ޗެމްޕިއަންއަށް ޒޯހާ އަޒްލީ އަށް، ދުނިޔޭގެ ޗެމްޕިއަން ސާރީ އޮހައިރާގެ ފިންސެއް ލިބުނު ގޮތުގެ ވާހަކައެވެ.

ރާއްޖޭގައި މިހާތަނަށް ހޮވި، ފުރަތަމަ ޖޫނިއާ ބޮޑީބޯޑިންގ އަންހެން އެތުލީޓުގެ ޝަރަފު ހޯދި ޒޯހާއަށް މި ފިންސް ދިނީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ހުސެއިން ނިޒާމް (ނިޒޯ) އެވެ.

ބޮޑީބޯޑިން ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ޒޯހާއަށް މި ފިންސް ހަވާލުކުރުމުގެ ކުރިން ނިޒާމު ވަނީ އޭނާއަށް އެ ފިންސް ލިބުނުގޮތް ކިޔައިދީފައެވެ.

އެއީ 2023 ވަނަ އަހަރު ރާއްޖޭގައި އޮތް ބައިނަލްއަގްވާމީ މުބާރާތް، މޯލްޑިވްސް ޕްރޯގައި ވާދަކުރި ދުނިޔޭގެ ޗެމްޕިއަން ސާރީ އޮހައިރާ އެ މުބާރާތުގައި ގެންގުޅުނު ފިންސެކެވެ. އެއަހަރު މޯލްޑިވްސް ޕްރޯގައި ކަން ދިމާކުރިގޮތުން އޮހައިރާއަށް ލިބުނީ ތިންވަނައެވެ.

އެމްބީބީއޭގެ ރައީސް ބުނީ އޭނާ އެފިންސް ރައްކާކޮށްފައި ބޭއްވީ ރާއްޖޭގެ ޖޫނިއާ ޗެމްޕިއަނެއް ހޮވާ ދުވަހަކުން އެ ޗެމްޕިއަނަކަށް ދިނުމަށް ކަމަށެވެ.

"މި ސްޓޭޖަށް އެރުމަށްފަހު އޭނާ، (ސާރީ އޮހައިރާގެ) ހާއްސަ ފިންސެއް ނިންމާލާފަ އެއްލޯ އޯޑިއަންސާ ދިމާލަށް. އެ ފިންސް ލިބުނީ އަޅުގަނޑަށް، އަޅުގަނޑު އެ ދުވަހު ބުނީ އިރާދަކުރެއްވިއްޔާ ޖޫނިއާ އަންހެން ޗެމްޕިއަނެއް ދިވެހިރާޖޭގައި ހޮވިގެންދާ ދުވަހު އެކުއްޖަކަށް އަޅުގަނޑު މި ފިންސް ދޭނަމޭ. އަޅުގަނޑު މިއަދު މި ފިންސް މިދެނީ އެންމެ ފުރަތަމަ ޖޫނިއާ ބޮޑީބޯޑިން ޗެމްޕިއަން ޒޯހާއަށް” ނިޒާމް ބުންޏެއެވެ.

ޒޯހާއަށް މިކަންވީ ވަރަށް ހައިރާންކަން ލިބުނު ކަމަކަށެވެ. އެޖެންޑާގައިވެސް ނެތް ނަމްބަރެކެވެ. އެހެންނަމަވެސް މި ފިންސަކީ ރާއްޖޭގެ ކޮންމެ އަންހެން އެތުލީޓަކުވެސް ބޭނުންވާނެ އެއްޗަކަށްވުން އެކަށީގެންވެއެވެ. ސަބަބަކީ ރާއްޖޭގެ އެތުލީޓަކަށް އެފަދަ، ދުނިޔޭގެ ޗެމްޕިއަނެއްގެ ފިންސެއް ލިބުމަކީ ކުޑަކަމެއް ނޫނެވެ.

ޒޯހާ މި ފިންސާއެކު ސްޓޭޖުން ފައިބައިގެން ދިޔައީ ކޮންމެވެސް ދުވަހަކުން އޮހައިރާފަދަ މޮޅު ދުނިޔޭގެ ބޮޑެތި މުބާރާތްތަކުގައި ވާދަކުރާ ފެންވަރު އެތުލީޓަކަށްވުމުގެ ފޮނި އުންމީދާއެކުގައެވެ. ބުރުނު ޝިކާރަކީ އެ ރާސްތާއަށް ވާސިލުވުމަށް ޒޯހާއަށް ކޮށުނު ފުރަތަމަ މަގެވެ. ގައުމީ ސްވިމިންގ ޓީމުގައިވެސް ހިމެނޭ ޒޯހާ، ރާއްޖޭގެ ގައުމީ އަންހެން ބޮޑީ ބޯޑިން ޓީމުން ފެންނާނެ ކަމުގެ ފުރުސަތު ބޮޑުވެފައިވާއިރު އޭނާ ބުނި އޭނާ އެންމެ "ލުކް ފޯވާޑް ކުރަނީ" ނުވަަތަ ވާން ބޭނުންވަނީ ރާއްޖޭގެ ކުރީގެ ބޮޑީބޯޑިން ޗެމްޕިއަން އަދި އޭނާގެ ބައްޕަ އަޒްލީ ކަހަލަ އެތުލީޓަކަށް ކަމަށެވެ.

ކުރީގެ މަޝްހޫރު ޗެމްޕިއަން އަޒްލީ އަކީ ރާއްޖެއަށް މި ކުޅިވަރު ތައާރަފުވެގެން އައި ދުވަސްވަރު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް އެތުލީޓެވެ. ޒޯހާގެ ކާމިޔާބީގެ ފަހަތުގައި ހުރި އަޒްލީ ވަނީ އޭނާގެ ދަރިފުޅު މިހޯދި ކާމިޔާބީއާއި މެދު ފަހުރުވެރިވާކަމަށް ބުނެ ދަރިފުޅާއި ގުޅޭގޮތުން ބައެއް ކަންކަން ޕީއެސްއެމް ސްޕޯޓްސްއާއިވެސް ހިއްސާކޮށްފައެވެ.