ކުޅިވަރު

ހިތްހަމަ ނުޖެހުންތައް ހިފައިގެން އިރާނުން ފީފާގެ ރައީސް އަރިހަށް


ވޯލްޑް ކަޕް ކުޅެން އެމެރިކާ އަށް ދިއުމުގެ ކުރިން އީރާނުން ހައްލު ހޯދަން ބޭނުންވާ ކަންކަމާމެދު މަޝްވަރާ ކުރަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލު ކުރަން އިރާނުން ނިންމައިފި އެވެ.

އިރާނުގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން މެކްސިކޯ ފިޔަވައި އެމެރިކާ އާއި ކެނެޑާ އަށް އެ ގައުމުގެ އޮފިޝަލުންނަށް އެތެރެވުމުގައި ދިމާވާ މައްސަލަތަކެވެ. އެމެރިކާއިން ވަނީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑަށް ނިސްބަތްވާ އެއްވެސް މީހަކަށް ވިސާ ނުދޭނެ ކަމަށް ބުނެފަ އެވެ. މިއާއެކު ކެނެޑާއިން ވަނީ ފީފާ ކޮންގްރެސް އަށް މީގެ ތިން ދުވަސް ކުރިން އެ ގައުމަށް ދިޔަ އިރާނުގެ އޮފިޝަލުން ވެސް އެތެރެވިޔަ ނުދީފަ އެވެ.

އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް އަކީ އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑްގެ ކުރީގެ މެމްބަރެކެވެ. އޭނާ ވިދާޅުވީ ކެނެޑާގެ ޓޮރަންޓޯ އެއާޕޯޓުން އިރާނުގެ އޮފިޝަލުންނާ ސުވާލު ކުރީ އެކަމާ ކަމަށެވެ. އަދި ވިސާ އޮވެމެ އެތެރެ ވިޔަ ނުދިނީ ވެސް މިކަމާ ހެދި ކަމަށެވެ.

"ކެނެޑާއިން އަހަރުމެން ގާތުގައި އަރަނީ ތިޔައީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ މެމްބަރުންހޭ. އަހަރުމެން ޖަވާބުގައި ބުނީ އިރާނުގެ 90 މިލިއަން މީހުންނަކީ ވެސް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ މެމްބަރުންނޭ،" ތާޖް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެނެޑާ އެއާޕޯޓުގައި ދެ ގަޑިއިރު ތިބެފައި އެ ގައުމަށް އެތެރެވެވޭނެ ގޮތެއް ނުވުމުން ތުރުކީ މަގުން އެނބުރި ގައުމަށް އައިއިރު ކެނެޑާއިން އިރާނުގެ އޮފިޝަލުން ޑީޕޯޓް ކޮށްލީ ކަމަށެވެ.

"އަހަރުމެންގެ ޕާސްޕޯޓުގައި އެހެން ނުޖަހާ. އެކަމަކު އަހަރުމެންނަށް އިހުސާސްވީ އެފަދަ ގޮތަކަށް. ހަގީގަތުގައި ވެސް އެއީ ޑީޕޯޓް ކޮށްލުމެއް،" ތާޖް ވިދާޅުވި އެވެ.

ފީފާ ކޮންގްރެސްގައި ބައިވެރި ނުވެވުމުން އެ ޖަމާއަތުގެ ރައީސް އިންފަންޓީނޯ ވަނީ ސްވިޒަލޭންޑްގެ ޒިއުރިކްގައި ހުންނަ ފީފާގެ މައި އިދާރާގައި އޭނާގެ އޮފީހުން ބައްދަލު ކުރެއްވުމަށް ދައުވަތު ދެއްވާފަ އެވެ. ފީފާގެ ޖެނެރަލް ސެކްރެޓަރީ މަތިއަސް ގަރްފްސްޓްރޫމް ވިދާޅުވީ މި ބައްދަލުވުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

"އަހަރުމެން މި އުއްމީދު ކުރަނީ ފީފާގެ ރައީސްއާ ބައްދަލުކޮށް މަޝްވަރާ ކުރަން. އަހަރުމެން މަޝްވަރާ ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި،" އޭއެފްސީގެ ނައިބް ރައީސްކަން ވެސް ކުރައްވާ ތާޖް ވިދާޅުވި އެވެ.

އިރާނުން ވޯލްޑް ކަޕް ކުޅުމާމެދު ސުވާލު އުފެދުނީ ފެބްރުއަރީ 28ގައި އެ ގައުމާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލލުން ހަމަލާ ދިނުމުންނެވެ. މިވަގުތު ހަމަލާތައް ވަނީ މުއްދަތެއް ނެތި މެދުކަނޑާލައިފަ އެވެ.