ޚަބަރު

ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ


  • މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަނީ މޭއި މަހުގެ 1 ގައި

މަސައްކަތްތެރިން ވަމުންދާ ޤުރުބާނީ ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ފޮނުއްވާފައެވެ.

ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ދިވެހި މަސައްކަތްތެރިންނަކީ ބުރަ މަސައްކަތެއް ކުރާ އަދި އެންމެންގެ އިޚްތިރާމް ލިބިފައިވާ ބައެއް ކަމަށެވެ. މިއަދު މި ދުވަސް ފާހަގަކުރަމުންދާއިރު އެ ފަރާތްތަކުގެ ޤުރުބާނީ ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތްތެރިންގެ ހިތްވަރު އަބަދުވެސް ފާހަގަކުރައްވާ ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

އެކަމަނާގެ ޕޯސްޓް ނިންމަވާލެއްވީ، ދިވެހިރާއްޖޭގެ އަލިގަދަ މުސްތަޤުބަލެއް ބިނާ ކުރުމަށް މަސައްކަތްތެރިން ކުރަމުންދާ މަސައްކަތައް ޝުކުރު އަދާކުރަމުންނެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަނީ، ކޮންމެ އަހަރެއްގެ މޭއި މަހުގެ 1 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ، މަސައްކަތްތެރިންގެ އަގުވަޒަންކޮށް ހައްޤުތައް ކަށަވަރުކޮށް މަސައްކަތަށް ހިތްވަރު ދިނުމަށެވެ.