ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލްކުރި ނަމަވެސް، މަސައްކަތުގެ މާޙައުލުގައި އެންމެ ބޮޑު އިސްކަމެއްދޭންވީ ޤައުމު ކުރިއެރުވުމަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ، އިޤްތިސާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުން ބެލިކަމުގައިވީ ނަމަވެސް ރާއްޖެ ކުރިއަރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި، އިތުރަށް ފުޅާކުރުމަށް، ދިވެހީންގެ ސަޤާފަތާއި، އުސޫލުތަކާއި މިނިވަންކަން މުހިންމު ދައުރެއް އަދާކުރާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމުގައި މިއަދު ދަސްވެނިވާ ދަރިވަރުންގެވެސް މުހިންމު ދައުރެއް އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ޤައުމަށް ޚިދުމަތް ކުރުމަށް ބޭނުންވަނީ ތަޢުލީމީ ޤާބިލު މީހުން ކަމަށެވެ. އަދި ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލްކުރި ނަމަވެސް، މަސައްކަތް ކުރަންވާނީ ޤައުމަށް ފައިދާވާނެ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ސިޔާދަތާއި، އަޅުގަނޑުމެންގެ ސަޤާފަތާއި، އަޅުގަނޑުމެންގެ އުޞޫލުތަކާއި، އަޅުގަނޑުމެންގެ މިނިވަން ކަމަކީ އަޅުގަނޑުމެންގެ ތަރައްޤީގެ ބިންގަލަކަށް ވާންޖެހޭ. މި މެސެޖު ތިޔަ ކޮންމެ މީހަކަށް ވެސް އެޕްލައި ކުރެވޭ. ކޮންމެ ޕްރޮފެޝަނަކަށް ވަނަސް، އެ ރޯލްތަކުގެ ޒިންމާ އުފުލަން ޖެހޭނީ، ހަމައެކަނި މުޖުތަމައަށް ފައިދާ ހުރި ގޮތަކަށް". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ކޮންމެ ދާއިރާއަކުން ދަސްވެނިވި ކަމުގައިވީ ނަމަވެސް، ދަސްވެނިން ވާންވާނީ އެހެން މީހުންނަށް ނަމޫނާ ބަޔަކަށް ކަމަށެވެ. އެގޮތުން، ކަންކަމުގައި ލީޑު ކުރުމަށާއި، ޤައުމުގެ ތަރައްޤީއަށް ކުރާ އެކި އެކި މަސައްކަތްތަކުގައި، އިސްކޮށް ހަރަކާތްތެރިވާ ބަޔަކަށް ވާންވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް ޤައުމީ ޔުނިވަރސިޓީން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެކި ކުންފުނިތަކާއި، ބައިނަލްއަޤްވާމީ އެކި ޔުނިވަރސިޓީތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށް، ތަޢުލީމީ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ދަރިވަރުންނަށާއި، މުވައްޒަފުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް އެޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.