ޚަބަރު

ފޭދޫ ބަލިކޮށް، ސައުތު ޒޯން 2 ގެ ޗެމްޕިއަންކަން ގައްދޫއަށް


  • ގައްދޫއިން މެޗު ކާމިޔާމުކުރީ 0-1 ގެ ނަތީޖާއިން

  • ސައުތު ލީގުގައި ވާދަކުރާނީ ލ. ގަން، ލ. ކުނަހަންދޫ، ގދ. ގައްދޫ އަދި ސ. ފޭދޫ

އަންނަ އަހަރު ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމައްޓަކައި މިހާރު މުޅި ރާއްޖޭގައި ކުރިއަށްދާ ރީޖަނަލް ލީގު ކޮލިފައިންގައި ސައުތު ލީގު ޒޯން 2 ގެ ޗެމްޕިއަންކަން ސ. ފޭދޫ ބަލިކޮށް، ގދ. ގައްދޫއިން ހޯދައިފިއެވެ. ގައްދޫއިން މި މެޗު ކާމިޔާބުކޮށްފައި ވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ބޮޑުބައި ނިމިގެންދިޔައީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް، ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް މެޗުގައި ފެނިގެން ގޮސްފައި ވެއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު، މެޗުގެ 86 ވަނަ މިނެޓުގައި ދިއްދޫއިން ކާމިޔާބުކޮށްފައި ވަނީ، އަރިމަތިން ހުރަސް ނަގައިދޭން ދިޔަ ވަގުތު ފޭދޫ ކީޕަރު މާބޮޑަށް ކުރިއަށް ނުކުމެ ހުރުމުގެ ފައިދާ ނަގައިގެން ހުސް ދާގަނޑެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މި ނަތީޖާއާއެކު ސައުތު ރީޖަންގެ ޒޯން 2 ގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދާފައިވާއިރު، ޒޯން 1 ގައި ކުޅުނު ހަމައެކަނި މެޗުގައި 0-3 ގެ ނަތީޖާއަކުން ލ. ކުނަހަންދޫ ބަލިކޮށް އެ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލ. ގަމެވެ.

މިއާއެކު، މުބާރަތުގެ ސައުތު ރީޖަންގައި ވާދަކުރާނީ، ޒޯން 1 ގެ ޗެމްޕިއަން، ލ. ގަން، ރަނަރ-އަޕް، ލ. ކުނަހަންދޫގެ އިތުރުން ޒޯން 2 ގެ ޗެމްޕިއަން ގދ. ގައްދޫ އަދި ރަނަރ-އަޕް، ސ. ފޭދޫއެވެ.