މާލެ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ވަރުގަދަ ޖޭޖޭ ސްޕޯޓްސް ކުލަބުގެ މައްޗަށް، ބިސް ބުރު ސްޕޯޓްސް ކުލަބުން ކުރިހޯދައިފިއެވެ.
މިި މެޗާ ހަމައަށް ޖޭޖޭއިން ކުޅުނު ހުރިހާ މެޗަކުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އެހެންނަމަވެސް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ބިސްބުރާ ދެކޮޅަށް ކުޅުނު މެޗުން ޖޭޖޭ ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.
ވަރަށް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ޖޭޖޭއިންނެވެ. މި ލަނޑު، މަޙްމޫދު އަޝްރަފް ނަގައިދިން ހުރަހެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ނަޝީދެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 އިން ބިސްބުރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފުރަތަމަ ލަނޑުޖެހީ ޖޭޖޭއިންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި، އިޝާން އިބްރާޙީމް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުއާޒް އަލީއެވެ. އޭގެ ދެ މިނެޓުފަހުން ޖޭޖޭއަށް ވަނީ ލީޑުނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.
62 ވަނަ މިނެޓުގައި، އޭރިއާ ތެރެއިން ޖޭޖޭގެ އަޙްމަދު އަމްނުއަށް ކުރި ފައުލަކާ ގުޅިގެން ޖޭޖޭއަށް ޕެނަލްޓީއެއް ލިބުނުއިރު، މުޙައްމަދު ޝަބީރު ފޮނުވާލި ޕެނަލްޓީ، ބިސްބުރުގެ ކީޕަރު އިބްރާޙީމް ސިޔާދު ވަނީ ދިފާއުކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ޖޭޖޭ ޕްރެޝަރަށް ވެއްޓުނުއިރު، ލިބުނު ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައި ނަޝީދު ވަނީ މެޗުގެ 74 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި އަލުން ބިސްބުރަށް ލީޑުނަގައިދީފައެވެ. އަދި އޭގެ ހަ މިނެޓުފަހުން ނަޝީދު އިތުރު ލަނޑެއް ޖަހައި ބިސްބުރުގެ ލީޑު ފުޅާކޮށްދީ، މެޗުގައި ހެޓްރިކް ފުރިހަމަކޮށްދިނެވެ.
މެޗުގައި ޖޭޖޭގެ ދެވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ އަމްނު ނަގައިދިން ކޯނަރެއް، ބިސްބުރުގެ އަލީ ޝިމާހުގެ ފައިގައި ޖެހިފައި ބައިކޮޅަށް ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މެޗުން މޮޅުވިނަމަ ޖޭޖޭއަށް ދެވަނަ ޑިވިޝަން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެއެވެ. މި މެޗުން ބަލިވި ނަމަވެސް އަދިވެސް 9 ޕޮއިންޓާއެކު، ފައިދާ ގޯލުން ކުރި ލިބިގެން ޖޭޖޭ އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގައި، މި މެޗުން މޮޅުވި ބިސްބުރު ވެސް އޮތީ 9 ޕޮއިންޓާއެކުއެވެ.