ތަރައްްޤީ

މިއަދަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަސް


މިއަދަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ބްރޯޑްކާސްޓިންގ ދުވަހަކީ، ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށިފައިވަނީ 1962 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓްކުރަންވަން ފެއްޓެވި ދުވަހެވެ. ވަރަށް ކުޑަގޮތަކަށް ފެށުނު މި ޚިދުމަތް ފުޅާކުރައްވަމުން ގެންދަވައި، މުޅިރާޖެއަށް ރޭޑިއޯ ސިގްނަލް ލިބިދީ، އަދި ޚިދުމަތްދޭ ވަގުތު އިތުރުކުރަމުން އައިސް މިހާރު ރާއްޖޭގައި ދައުލަތުގެ ބްރޯޑްކާސްޓަރ ހިންގާ ރޭޑިއޯ 3 ޗެނަލާއި އަމިއްލަ ފަރާތްތަކުން ހިންގާ 4 ރޭޑިއޯ ޗެނަލާއެކު 7 ރޭޑިއޯ ޗެނަލް ރާއްޖޭގައި ހިނގަމުންދެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގެ ތެރެއިން، ޓީވީގެ ޚިދުމަތް ރާއްޖޭގައި ފެށިފައިވަނީ 1978 ވަނަ އަހަރުގެ މާރޗް މަހުގެ 29 ގައެވެ. އެއީ ޓީވީ މޯލްޑިވްސްގެ ޚިދުމަތް ފެށުމުންނެވެ. ދިވެހިރާއްޖޭގައި ދައުލަތުގެ މީޑިއާއިން ހިންގާ ޓީވީ 3 ޗެނަލާއި އަމިއްލަ ފަރާތްތަކުން ހިންގާ 11 ޗެނަލާއެކު ރާއްޖޭގައި މިހާރު 14 ޓީވީ ޗެނަލްގެ ޚިދުމަތް ދެމުން ގެންދެއެވެ.

ބްރޯޑްކާސްޓްކުރުމުގެ އިތުރަށް ރީ ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްވެސް ފުޅާދާއިރާއެއްގައި އަންނަނީ ދެމުންނެވެ. އަދި ދިވެހިރާއްޖޭގައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ކަންކަން މިނިވަންކަމާއެކު ބަލައި މޮނިޓަރކުރާނެ ޤާނޫނީ އިދާރާއެއްވެސް ޤާއިމްކުރެވިފައެވެ.

ދިވެހިރާއްޖޭގައި އަބަދުވެސް ނޫސް މަޖައްލާ ނެރުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް އޮތްނަމަވެސް 2006 ވަނަ އަހަރާ ހަމައަށް ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމަކީ ސަރުކާރަށް ޚާއްޞަކުރެވިފައި އޮތްކަމެކެވެ. މިހާރު ރާއްޖޭގައި ހިނގަމުން މިދާ އަމިއްލަ ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ ސްޓޭޝަންތައް އުފެދުނީ  2006 ވަނަ އަހަރު ޕްރައިވެޓް ބްރޯޑްކާސްޓިންގ އަށް ފުރުޞަތު ހުޅުއްވާލެއްވުމުންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކުރައްވާ ގޮތުގައި ރާއްޖޭގައި ބްރޯޑްކާސްޓިންގ ދާއިރާ ކުރިއެރުވުމަށް ކުރައްވާ އެކި މަސައްކަތުގެ ހެޔޮ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ފަންނުވެރިކަމާއެކު ޙަރަކާތްތެރިވަމުންދާ ބްރޯޑްކާސްޓަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން، ބްރޯޑްކާސްޓްކުރުމަށް މިހާތަނަށް 47 ލައިސަންސް ވަނީ އެ ކޮމިޝަނުން ދޫކުރައްވާފައެވެ. އެއީ 34 ޓީވީ ޗެނަލާއި 13 ރޭޑިއޯ ޗެނަލްގެ ލައިސަންސެވެ. އަދި ރީބްރޯޑްކާސްޓްކުރުމަށް ނުވަތަ ކޭބަލް ޓީވީ ޚިދުމަތް ދިނުމަށް 117 ލައިސަންސް ދޫކުރައްވާފައިވެއެވެ. މީގެތެރޭގައި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ 5 ފަރާތެއްވެސް ހިމެނެއެވެ. 

ރާއްޖޭގައި ބްރޯޑްކާސްޓްކުރުގެ ޚިދުމަތްދެމުން އަންނަތާ ބައިޤަރުނަށްވުރެ އިތުރުވެފައިވާއިރު، މި ޚިދުމަތަކީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ޚިދުމަތެކެވެ. ރާއްޖެއަކީ އެތައް ސަތޭކަ މޭލަކަށް ފެތުރިފައިވާ ސަރަޙައްދެއްގައި ހުރި ވަކިވަކި ރަށްތަކެއްގެ މައްޗަށް ބިނާފައިވާ ޤައުމަކަށްވުމުން ހުރިހާ ހިސާބަކަށް ޚިދުމަތްދިނުމަކީ ޓެކްނިކަލް ގޮތުންނާއި އިންޖިނިއަރިންގގެ ގޮތުން ދަތިކަމެކެވެ. އެއާއެކު ދުރުދުރުގައި ހުރި ރަށްތަކެއްގައި ދިރިއުޅޭ ކުދި މުޖުތަމަޢުތަކަށް ކަންކަން އަންގައިދިނުމާއި އުނގަންނައިދިނުމާއި އެބައިމީހުންގެ ހިތްއުފާކޮށްދިނުމަށް އޮތް އެންމެ މުހިންމު ވަޞީލަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުން ތަޖުރިބާކުރީ ބްރޯޑްކާސްޓިންގގެ ޚިދުމަތެވެ.

ދުނިޔޭގައި ކުރެވޭ ހަނގުރާމަތަކާއި ރައްޔިތުން ސަމާލުވާންޖެހޭ ކަންކަން ވަގުތުން ވަގުތަށް އަންގައިދިނުމުގައި 1962 ގައި އުފެދުނު ޤައުމީ ރޭޑިއޯ ސްޓޭޝަނާއި 1978 ގައި އުފެދުނު ޤައުމީ ޓީވީ ސްޓޭޝަން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ޚާއްޞަކޮށް، ފެތުރޭ ރޯގާބަލިމަޑުކަމުން ރައްކާތެރިވުމުގެ ލަފައާއި އިރުޝާދުދިނުމާއި ތަޢުލީމް ޢާންމުކުރުމާއި މޫސުމާބެހޭ މަޢުލޫމަތުދިނުން ފަދަ ކަންކަމުގައި ރައްޔިތުންނަށް އެހީތެރިވެދީފައިވެއެވެ. ޚާއްޞަކޮށް ރާއްޖޭގެ ރައްޔިތުންނަކީ ލިޔަން ކިޔަން ދަންނަ ބަޔަކަށް ހެއްދެވުމާއި ތަރައްޤީއަށް ހިއްވަރުދެއްވުމާއި ރަށްރަށުގެ ޖަމާޢަތްތަކަކީ ތަރައްޤީގެ ބައިވެރިންގެ ގޮތުގައި ހެއްދެވުމުގައިވެސް މުހިންމު ދައުރެއް ބްރޯޑްކާސްޓިންގ ޚިދުމަތް ވަނީ އަދާކޮށްފައެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކުރަން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ. ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކުރުމެވެ.