ޚަބަރު

ޖަމާލުއްދީން ބަލިކޮށް، ގުރައިދޫއަށް އުންމީދީ ފެށުމެއް


  • ގުރައިދޫ ސްކޫލުން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުން

  • މި މެޗުގައި ގުރައިދޫ ސްކޫލުން ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ގިނަ ޝޮޓުތަކެއް ނަގާފަ

  • މިއަދުވެސް މި ގްރޫޕުގެ މެޗެއް ކުޅޭނެ

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ޖަމާލުއްދީން ސްކޫލްގެ މައްޗަށް، ގުރައިދޫ ސްކޫލުން އިއްޔެ ކުރި ހޯދައިފިއެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުޅުނު މި މެޗު ގުރައިދޫ ސްކޫލުން ކާމިޔާބުކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި، ގުރައިދޫ ސްކޫލުން ވަނީ ޕެނަލްޓީ އޭރިއާއިން ބޭރުން ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ޓީމުގެ ފުރަތަމަ ގޯލުވެސް ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުންނެވެ. އަދި ދެވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ ލިބުނު ކޯނަރަކުންނެވެ. މި ދެ ގޯލުގެ އިތުރަށްވެސް ގުރައިދޫ ސްކޫލުން، ޖަމާލުއްދީން ސްކޫލުގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލާފައި ވެއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފް ފެށުމާއެކު ފެނިގެންދިޔައީ ޖަމާލުއްދީން ސްކޫލުން ކުޅުން ރަނގަޅުކޮށް، ގުރައިދޫ ސްކޫލުގެ ގޯލަށް ނުރައްކާކުރަން ފެށި ތަނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ފުރަތަމަ 8 ވަރަކަށް މިނެޓު ތެރޭ ރަނގަޅު ހަތަރު ވަރަކަށް ފުރުސަތު ލިބުނު ނަމަވެސް އޭގެން އެއްވެސް ފުރުސަތެއް އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވިފައެއް ނުވެއެވެ.
ގުރައިދޫ ސްކޫލުގެ 3 ވަނަ ގޯލު ފެނިގެންދިޔައީ ދެވަނަ ހާފުގެ 24 ވަނަ މިނެޓުގައެވެ. ގުރައިދޫ ސްކޫލް ކުޅުންތެރިން އުފައްދަން މަސައްކަތްކުރި ކައުންޓަރ-އެޓޭކެއް ހުއްޓުވަން މަސައްކަތްކުރުމުގެ ތެރޭގައި ޖަމާލުއްދީން ސްކޫލް ކުޅުންތެރިން ފައުލްކުރުމާ ގުޅިގެން އަރިމަތީ ބޭރު ރޮނގު ކައިރިން ލިބުނު ހިލޭޖެހުމުގައި ފޮނުވާލި ބޯޅަ، ހުރިހާ ކުޅުންތެރިންގެ ބޯމަތިން ގޮސް ވެއްޓުނީ ސީދާ ގޯލުގެ ތެރެއަށެވެ.

މި ނަތީޖާއާއެކު ގުރައިދޫ ސްކޫލުން ގްރޫޕު 6ގެ އެއްވަނައިގައި ހަމަޖެހިލާފައި ވާއިރު، މި ގްރޫޕުގައި އިތުރަށް ހިމެނެނީ ޞަލާޙުއްދީން ސްކޫލް، ޢަރަބިއްޔާ ސްކޫލް އަދި ކ. އަތޮޅު މަދަރުސާއެވެ. މި ގްރޫޕުގެ މެޗެއް މިއަދުވެސް ކުޅޭނެއެވެ. ބައްދަލުކުރާނީ ޞަލާޙުއްދީން ސްކޫލް އަދި ޢަރަބިއްޔާ ސްކޫލެވެ.