ޚަބަރު

"ނަފްސާނީ ގޮތުން ނުތަނަވަސް ވަނީ އީމާންތެރިކަން ދަށްވެގެންނެއް ނޫން"


  • އީމަންތެރިކަމާއި ގުޅުންހުރި ކަމެއްނަމަ ރަސޫލު ބޭކަލުންނަށް އެ ޙާލަތު ކުރިމަތިނުވީސް

  • ރަސޫލު ބޭކަލުންގެ ވާހަކަތައް އަޑުއެހުމުން ޝުކުރުވެރިވޭ

  • ތިމާއަށްވުރެ ނިކަމެތި ޙާލަތްތަކުގައި ތިބޭ މީހުންގެ ވާހަކަތައް އަޑުއެހުން މުހިއްމު

ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކާ މެދު މުޖުތަމަޢު ދެކޭގޮތަކީ، މިބަލި ހުންނަ ފަރާތްތަކުން ބަލީގެ ވާހަކަ ދައްކަން އަދި ފަރުވާއާއި ހަމައަށް ދިޔުމަށް ފަސްޖެހޭ އެންމެ ބޮޑު ސަބަބެވެ.

ނަފްސާނީ ބައްޔަކީ، މީހާގެ އީމާންތެރިކަން ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ. އެހެންނަމަވެސް ނަފްސާނީ ބައްޔަކީ، އީމަންތެރިކަން ދަށްވެގެން އެކަނި ކުރިމަތިވާ ޙާލަތެއް ނޫނެވެ.

މުޖުތަމަޢުގައި ހުރި ގިނަ މައްސަލަތަކާއެކު ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ ޢަދަދު އަންނަނީ، އިތުރުވަމުންނެވެ. މިއީ، ބައްޔެއްކަން ޤަބޫލުކޮށް ވީހާވެސް އަވަހަކަށް ބަލިން އަރައިގަތުމަށް މަސައްކަތް ފަށައިގަތުމަށް، އަމިއްލަ ނަފްސަށް ބަލި ދެނެގަތުމަކީވެސް މުހިއްމު ކަމެއްކަމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. އެހެންނަމަވެސް މިކަމަށް ހުރަސްއަޅާ މައިގަނޑު ސަބަބަކީ، މުޖުތަމަޢު ތެރޭގައި ނަފްސާނީ ބައްޔާއި މެދު ދެކޭ ގޮތެވެ.

ނަފްސާނީ ބައްޔަކީ، މީހާގެ އީމާންތެރިކަން ދަށްވުމާއި ގުޅިފައިވާ ކަމެއްގެ ގޮތުގައި ޤަބޫލުކުރެވިފައި އޮތް އޮތުމެވެ. ހުރިހާ ޙާލަތެއްގައި އެއީ ޙަޤީޤަތެއް ނޫންކަމަށް މިދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. ދެބަސްވެވެން ނެތްކަމަކީ، ނަފްސާނީ ބަލިން އަރައިގަތުމަށް އިސްލާމްދީނުގައި އަންގަވާފައިވާ އެތައް ކަމަކުން އެހީތެރިކަން ލިބޭކަމެވެ.

ސައިންސްގެ އަލީގައި މިބައްޔާއި ގުޅޭގޮތުން އެނގެން އޮތް ޙަޤީޤަތަކީ، ނަފްސާނީ ބައްޔަށް ހުށައެޅިގެން ދަނީ ޓްރޯމާގެ ސަބަބުން ނުވަތަ ފިކުރު ބޮޑުވުމާއި ހާސްވުމާއި، ދިރިއުޅުމަށް އަންނަ އެކި ބަދަލުތަކާއި، ޖެނެޓިކްސްގެ ސަބަބުން ނުވަތަ ހަށިގަނޑުގެ ކެމިކަލް އިމްބެލެންސްއަކާއި ގުޅިގެންކަމެވެ.

ދީނަށް ގޮވާލެއްވުމުގެ ތެރެއިން ނަފްސާނީގޮތުން އެތައް ތަކުލީފުތަކެއް ކީރިތި ނަބިއްޔާއަށްވެސް ކުރިމަތިވެ ވަޑައިގަތް

އީމާންތެރިކަމަކީ، ހިތާއި ގުޅިފައިވާ ކަމަކަށްވާއިރު ނަފްސާނީ ބައްޔަކީ އާންމުކޮށް މީހާގެ ސިކުނޑިއަށް އަންނަ ބަދަލެއްކަން ސައިންސްގެ އަލީގައި އެނގެން އެބައޮތެވެ. ދީނީގޮތުން ޞާލިޙު ޢަމަލުކޮށް އުޅޭ މީހަކަށްވެސް ނަފްސާނީ ބަލި ކުރިމަތިވެދާނެކަމަށް މިދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.

އެކަން އެނގެން އޮތް އެންމެ ބޮޑު ހެއްކަކީ، މިއުއްމަތުގެ މާތް ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް ދީނަށް ގޮވާލައްވަން ފެއްޓެވި ދުވަސްވަރު ކުރިމަތިވެ ވަޑައިގަތް ތަކުލީފުތަކާއި ގުޅިގެން އެކަލޭގެފާނުގެ އުއްމަތާމެދު ކަންބޮޑުވެ ވަޑައިގަތުމާއި، ހިރާ ފަރުބަދައިގެ ހޮހޮޅައިގައި ވަނިކޮށް ފުރަތަމަ ވަޙީ ލިބިވަޑައިގެން ބިރުފުޅުން ޚަދީޖަތުގެފާނުގެ އަރިހަށް ވަޑައިގަތުމާއި، ހިޖުރައަށް ވަޑައިގަތް ރޭ ޘައުރު ފަރުބަދައިގައި އަބޫބަކުރުގެފާނާއިއެކު ވަނިކޮށް އަބޫބަކުރުގެފާނު ބިރުފުޅުގަތުމުން މާތްﷲ ވޮޑިގެންވަނީ އެބޭކަނލުންނާ އެކުގައިކަމަށް ވިދާޅުވި ވިދާޅުވުމެވެ.

ދުވަސްގަނޑަކަށް ވަޙީ އައުން މެދުކެނޑިގެން ދިޔުމުން އެކަމުގެ ސަބަބުން އެކަލޭނގެފާނަށް ބޮޑެތި އަސަރުތަކެއް ކުރެއްވުމުން މާތްﷲ ސޫރަތުލް ޟުޙާ ބާވައިލެއްވުމަކީ، އެކަލޭގެފާނަށްފަހު އުއްމަތުގެ އަހުލުވެރިން އުފުލާނެ ބުރައަށްޓަކައި އުނގަންނަވައި ދެއްވި ފިލާވަޅުތަކެވެ. އެހެންކަމުން މިއީ ރަސޫލު ބޭކަލުންނަށްވެސް ކުރިމަތިވީ އެކި ޙާލަތްތަކުގައި އެބޭނކަލުންނަށް ކުރެއްވުނު އިޙްސާސްތަކާއި ފިކުރު ބޮޑުވީ ވާހަކަތައް ދީނުގައި އައިސްފައިވާ ގޮތެވެ.

އެވާހަކަތަށް އެނގޭ މީހަކު އަނެކާ ނަފްސާނީ ގޮތުން އުފުލާ ބުރައަކީ، އީމާންތެރިކަން ބަލިކަށިވެގެން ކުރިމަތިވާ ކަމެއް ކަމަކަށް ނުބުނާނެއެވެ.

ރަސޫލު ބޭކަލުންނާއި، ޞަޙާބީ ބޭކަލުންގެ ވާހަކަތަކާއި އެއަށްފަހު ވަޑައިގަތް ޞާލިޙް ބޭކަލުންގެ ވާހަކަތައް އެނގިގެން ދިޔުމަކީވެސް ނަފްސާނީ ގޮތުން މީހާއަށް ހެޔޮ ބަދަލު ގެނުވާ ކަމެކެވެ. އަދި ތިމާއަށްވުރެ ނިކަމެތި ޙާލަތެއްގައިވާ މީހުންގެ ޙާލަތު ބެލުމަށް އަންގަވާފައިވަނީ، ތިމާއަށް ލިބިފައިވާ ނިޢުމަތްތަކުގެ އަގުވަޒަން ކުރެވޭނެތީއެވެ. އެހެންކަމުން ނަފްސު ދަށްކޮށް ނުލާށެވެ.

އަނެކުން އުފުލާ ބުރަ ތިމާއަށް އިޙްސާސް ނުކުރެވޭ އަދި އެފަދަ ކަމެއް މެދުވެރި ނުކުރައްވާއިރު އެކަމަށް ބަސްބުނެ ފާޑު ނުކިޔާށެވެ. އަނެކާ އުފުލަނީ، ކިހާވަރެއްގެ ހިތްދަތި ވޭނެއްކަން ދެނެވޮޑިގެންވަނީ، ހަމައެކަނި އޭނާއާއި އޭނާގެ ވެރި ރައްބެވެ. ހެޔޮބަސް ބުނާށެވެ. ހިތްވަރު ދޭށެވެ. ޙާލަތު ބަދަލުވެގެން ދިޔުމަށް ހިނދުކޮޅެއް ނުނަގާނެ ކަމާއި މާތްﷲއަށް އިތުބާރު ކުރުމަށާއި، އެކަލާނގެ އޯގާވަންތަކަމުގެ ވާހަކަތައް ގިނަގިނައިން އެފަދަ މީހުންނަށް ހަނދާން ކޮށްދޭށެވެ.