ޚަބަރު

ހަނިމާދޫ އާއި ދިއްދޫގެ ކުރިމަތިލުން އެއްވަރު


  • މެޗު އެއްވަރުވީ 2-2 އަކުން

  • ނޯތު ލީގު ޒޯން 1 ގެ ފައިނަލުގައި މި ދެޓީމު ބައްދަލުކުރާނީ މިމަހުގެ 28 ގައި

ނޯތު ލީގު ޒޯން 1 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހދ. ހަނިމާދޫ އަދި ހއ. ދިއްދޫ ބައްދަލުކުރި މެޗު، 2-2 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.

ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ގޯލު ޖަހާ، ލީޑު ނަގާފައި ވަނީ ހަނިމާދޫއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އެޓީމަށް މި ގޯލު ކާމިޔާބުކޮށްދީފައި ވަނީ ޓީމުގެ ޖަރޒީ ނަންބަރު 27، އުފާލް އެވެ. މެޗުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ހަނިމާދޫއިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އުފާލް، އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ހަނމާދޫގެ ޖަރޒީ ނަންބަރު 10، ނާއިލް އެވެ.

ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިގެން ނުދިޔަނަމަވެސް ދެ ޓީމުންވެސް ވަނީ މޮޅު ކުޅުމެއް ކުޅެ، އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ދިއްދޫގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބޯޅަ ލިބިގަތުމަށްފަހު، ހަނިމާދޫ ކީޕަރުގެ އިތުރުން ދެ ޑިފެންޑަރުން ބަލިކުރުމަށްފަހު މި ގޯލު ކާމިޔާބުކޮށްދީފައިވަނީ، އެ ޓީމުގެ ބިދޭސީ ފޯވާޑު، ނުވަބުއީސީއެވެ. ދިއްދޫގެ ދެވަނަ ގޯލަކީ، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި 5 މިނެޓުގެ ތެރޭ، ހަނިމާދޫ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި މެޗުގެ ނަތީޖާ އެއްވަރުވެގެން ނިމުނު ނަމަވެސް ނޯތު ލީގުގެ ޒޯން 1 ގެ ފައިނަލް މެޗުގައި މި ދެޓީމު، މި މަހުގެ 28 ވަނަ ދުވަހު އަލުން ބައްދަލުކުރާނެއެވެ.