ޚަބަރު

ނިއުކާސަލް ބަލިކޮށް އާސެނަލް އަލުން އެއްވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފި އެވެ.

މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނަ މަގާމް އަލުން ލިބިފަ އެވެ. މި ނަތީޖާ އާއިއެކު އާސެނަލް އަށް ވަނީ އެއް މެޗު އިތުރަށް ކުޅެގެން 73 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނި 70 ޕޮއިންޓެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 9 ވަނަ މިނިޓުގައި ކައި ހަވަޓްޒް ދިން ޕާހަކުން އެބެރޭޗީ އެޒޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މިދިޔަ އޮކްޓޯބަރ މަހަށްފަހު އާސެނަލް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ތާވަލުގެ ދެވަނަ އަށް ވެއްޓުނީ މިދިޔަ ހަފްތާގައި ބާރންލީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު ކާމިޔާބުކޮށް ޖެހި ގޯލުގެ ތަފާތުން ސިޓީ އަށް ތާވަލުގެ ކުރި ލިބުމާއި ގުޅިގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ނިއުކާސަލް ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް މެޗުގެ ފުރަތަމަ ހާފުގައި ލިބިފަ އެވެ. އެގޮތުން ވިލިއަމް އޮސޫލާ އާއި ބްރޫނޯ ގުމަރޭޒް ގެ އިތުރުން ސެންޑްރޯ ޓޮނާލީ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ކައި ހަވަޓްޒް އަށް އަނިޔާވެފައިވާއިރު ދެވަނަ ހާފުގައި އެބެރޭޗީ އެޒޭއަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ޔޫއެފާ ޗެޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އަންނަ ބުދަ ދުވަހު ކުޅުމަށްފަހު ލީގުގައި އަންނަ ހޮނިހިރު ދުވަހު އާސެނަލް ނިކުންނާނީ ފުލަމް އާއި ދެކޮޅަށެވެ.