ޚަބަރު

ދަ ގްރާންޑޭ ބަލިކޮށް ޖޭޖޭ ގްރޫޕްގެ އެއްވަނައަށް


  • ޖޭޖޭ މެޗު ކާމިޔާބުކުރީ 3-1

  • ޖޭޖޭ އޮތީ ކުޅުނު 3 މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައި

  • ދަ ގްރާންޑޭ މުބާރާތުގައި ބަލިވެފައިވަނީ ޖޭޖޭ އަތުން އެކަނި

މާލެ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ފުޓުބޯޅަ މުބާރާތުގައި ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދާ ގްރޫޕް އޭގެ އެއްވަނައިގައި 3 ޕޮއިންޓުގެ ލީޑެއް ޖޭޖޭ ސްޕޯޓްސް ކްލަބުން ނަގައިފިއެވެ.

މި ގްރޫޕްގެ އެންމެ ކުރީގައި އޮތް ދެ ޓީމުގެ ކުރިމަތިލުން ޖޭޖޭއިން ކާމިޔާބުކުރީ 3-1 އިންނެވެ. މިމެޗުގައި ފުރަތަމަ 3 ލަނޑުވެސް ޖެހީ ޖޭޖޭއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ ޖޭޖޭގެ ކެޕްޓަން ހުސެއިން ޝަރީފެވެ.

ދެވަނަ ލަނޑު ދެވަނަ ހާފްގެ 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވާޑް މުހައްމަދު ޝަބީރެވެ. އަދި ޖޭޖޭގެ 3 ވަނަ ލަނޑުވެސް ޖަހައިދިނީ ޝަބީރެވެ. ދަ ގްރާންޑޭއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ނުވަދިހަ މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން ނިކުތް ބިދޭސީ ކުޅުންތެރިއާ އަގީލްއެވެ.

މިއީ މިދެ ޓީމުވެސް މިމުބާރާތުގައި ކުޅުނު 3 ވަނަ މެޗެވެ. ދެ ޓީމުވެސް މިމެޗާ ކުރިމަތިލީ ދެ މެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކުއެވެ. މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ޖޭޖޭ ގްރޫޕްގެ އެއްވަނާގައި 3 ޕޮއިންޓުގެ ލީޑެއް ނެގި އިރު މި ގްރޫޕްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ހަމަ އެކަނި ޓީމަކީވެސް ޖޭޖޭއެވެ.