ޚަބަރު

ބީޗް ހޭންޑް ބޯޅައިގައި ތައިލެންޑާއި އޮމާން އަތުން ރާއްޖެ ބަލިވެއްޖެ


  • މުބާރާތުގައި ރާއްޖެ މިހާތަނަށް މޮޅުވެފައިވަނީ މޮންގޯލިއާ އަދި ބަނގްލަދޭޝް އަތުން

  • މިހާތަނަށް ރާއްޖޭގެ ޓީމުން ފެނިފައިވަނީ ރަނގަޅު ކުޅުމެއް

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ފިރިހެން ބީޗް ހޭންޑްބޯޅަ ޓީމުން މިއަދު ކުޅުނު މެޗުތަކުގައިވެސް ރަނގަޅު ވާދައެއް ކޮށްފިއެވެ.

ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސް ފެށީ ބީޗް ހޭންޑްބޯޅައިގެ އިވެންޓްތަކުންނެވެ. ބީޗް ހޭންޑްބޯޅަ ފިރިހެން އިވެންޓުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެއީ އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާއާ އެކުގައެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކުރީ 2-1 އިންނެވެ. އޭގެފަހުން މޮންގޯލިއާ ކައިރިންވެސް ރާއްޖެ 2-1 އިން މޮޅުވެފައިވާ އިރު، މިއަދު ނުކުތީ ގްރޫޕްގެ އެންމެ ވަރުގަދަ ޓީމުތައް ކަމަށްވާ އޮމާނާއި ތައިލެންޑާ ދެކޮޅަށެވެ.

މިއަދު މެންދުރު ކުޅުނު މެޗުގައި ރާއްޖޭން އޮމާނާ ދެކޮޅަށް ނުކުތް އިރު، އޮމާނަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ޓީމެވެ. އެމެޗު އޮމާނުން ދެ ސެޓުން ކާމިޔާބުކުރިއެވެ. ފުރަތަމަ ސެޓު އޮމާނުން 22-10 އިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓަށް ނުކުމެ ރާއްޖެ ސްކޯގެ ފަރަގު ކުޑަކުރިއެވެ. އަދި އެ ސެޓުގައި ރާއްޖޭން ވަނީ ގިނަ ވަގުތުތަކެއްގައި ސްކޯ އެއްވަރުކޮށް ހިފަހައްޓާލައިފައެވެ. އެގޮތުން ހަތް މިނެޓް ހިނގިއިރުވެސް އޮތީ 10-10 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

އެސެޓު އޮމާނުން ގެންދިޔައީ 16-12 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖޭގެ ފަތުހުﷲ އާދަމްއާއި ކެޕްޓަން މުހައްމަދު ޝަމްނޫޒް ނައީމް ވަނީ ކޮންމެ ކުޅުންތެރިޔަކު އަށް ގޯލް ޖަހައިފައެވެ.

މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެފައި އޮތް ތައިލެންޑް ރާއްޖެ ކައިރިން 2-0 އިން މޮޅުވި އިރު، އެމެޗުގައި ރާއްޖޭން ވަނީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ހިތްވަރު ކޮށްފައެވެ.

ފުރަތަމަ ސެޓު ތައިލެންޑުން 22-12 އިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓުގައި ރާއްޖެ މޮޅަށް ކުޅެ ފަރަގު ކުޑަކުރިއެވެ. އެ ސެޓު ތައިލެންޑުން ގެންދިޔައީ 18-12 އިންނެވެ. އެމެޗުގައިވެސް ފަތުހުﷲ ވަނީ 10 ގޯލް ޖަހައިފައެވެ. އަދި ޝަމްނޫޒް ވަނީ އަށް ގޯލް ޖަހައިފައެވެ.