ޚަބަރު

މުސާރައިގެ އައު އޮނިގަނޑާއެކު ފާހަގަވި މައްސަލަތައް ދަނީ ހައްލުކުރަމުން: ޕޭ ކޮމިޝަން


  • ފުރަތަމަ މުސާރައިގެ ކުރިއެރުން އައީ ސިވިލް ސަރވަންޓުންނާއި ޖުޑިޝަރީއަށް

  • މިހާރު 93 އިންސައްތަ މުވައްސަސާތައްވަނީ އައު އޮނިގަނޑަށް ބަދަލުކޮށްފައި

ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުއައްސަސާތަކަށް ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ނެޝަނަލް ޕޭ ކަމިޝަނުން ވިދާޅުވެއްޖެއެވެ.

އައު ޕޭ ފްރޭމްވަރކަށް ޢަމަލު ކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ދައުލަތުގެ އެކި މުވައްސަސާތަކުގެ މުސާރައަށް ހެޔޮބަދަލެއް ގެންނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެކެވެ. 1 ނޮވެމްބަރު 2025 އިން ފެށިގެން ބައެއް މުވައްސަސާތަކުންވަނީ އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފަށާފައެވެ. އޭގެތެރޭގައި ސިވިލް ސަރވިސްއާއި ޝަރުޢީ ދާއިރާގެ އިތުރުން ދައުލަތުގެ އިތުރު 6 މުވައްސަސާއަކާއެކު ޖުމްލަ 93 އިންސައްތަ މުވައްސަސާ އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފަށާފައިވާ ކަމަށް ޕޭ ކޮމިޝަނުން ވިދާޅުވެއެވެ.

އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފެށިފަހުން އަންނަމުންދާ ބަދަލުތައް ނޭޝަނަލް ޕޭ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެކޮމިޝަނުން ވިދާޅުވީ، ޕޭ ފްރޭމްވަރކަށް 1 ނޮވެމްބަރު 2025ގައި ޢަމަލުކުރަން ފެށި މުވައްސަސާތަކަށް ކުރިމަތިވަމުންދާ މައްސަލަތައް ބަލައި އަދި މުވައްސަސާތަކަށް ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެއިތުރުން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކާއި މައްސަލަތައް ބަލައި އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް އެކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕޭ ކޮމިޝަނުން ވިދާޅުވެއެވެ.

ހަމަމިއާއެކު މިވަގުތު މުސާރާއިގެ އައު އޮނިގަނޑަށް ޢަމަލުކުރަން ފަށާފައިނުވާ މުވައްސަސާތައް އެއޮނިގަނޑަށް ބަދަލު ކުރުމަށްޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތައް ވަމުންދާ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ދައުލަތުގެ އެކި ދާއިރާތަކުގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްފައިވާއިރު މިދިޔަ އަހަރު ވަނީ ސިވިލް ސަރވިސް މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްފައެވެ. މިއަހަރުގެ މިހާތަނަށް އިތުރު 6 މުވައްސަސާއެއް މުސާރައިގެ އައު އޮނިގަނޑަށް ބަދަލުކޮށްފައިވާއިރު، ދައުލަތުގެ 93 އިންސައްތަ މުވައްސަސާތައް މިހާރުވަނީ އައު އޮނގަނޑަށް ބަދަލުކޮށްފައެވެ. މުސާރައިގެ ކުރިއެރުމެއް ނުލިބި ތިބި ގިނަ މުވައްޒަފުން އެކި މުވައްސަސާތަކުގައި ތިބިއިރު، މިއީ އެފަދަ އެތައް މުވައްޒަފުންނެއްގެ ދުވަސްވީ ޝަކުވާއެކެވެ.