ޚަބަރު

ކޯޓުތަކުގެ އިދާރީ މިނިވަންކަމަށް "ޖުޑީޝަލް ކައުންސިލް" މުހިންމު


  • ޖުޑީޝަލް ކައުންސިލް 2011ވަނަ އަހަރު އުވާލި

  • 2019ވަނަ އަހަރު ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރި

  • މިހާރު އޮންނަ ގޮތުން ސަރުކާރަށް ޝަރޫޢީ ދައިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވޭ

ދިވެހިރާއްޖޭގެ ޝަރުޢީ ދައިރާގެ އިސްލާހުކުރުމުގެ މަސައްކަތަކީ އެކި ދުވަސްވަރު މަތިން އެކި ގޮތްގޮތަށް ކުރެވިފައިވެއެވެ. އެ ބަދަލުތަކާއެކުވެސް މިއަދާހަމައަށްވެސް އެންމެ އެދެވޭ ބަދަލުތައް އައިސްފައިނުވާކަން ތަޖުރިބާކާރުންނާއި ރައްޔިތުންވެސް ފާހަގަކުރެއެވެ.
ޖުޑީޝަރީ ހަޤީޤީ މާނައިގައި މިނިވަން ކުރުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

ހަޤީޤީ މާނައިގައި ޖުޑީޝަރީ މިނިވަންކުރުމަށް އަދުގެ ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާއިރު، ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ބޭނުންވާކަން ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ޖުޑީޝަލް ކައުންސިލަކީ 2010ވަނަ އަހަރު ގެނައި ކޯޓުތަކާއި ބެހޭ ޤާނުނުގެ ތެރެއިން އުފެދުނު ކައުންސިލެކެވެ.

އެ ކައުންސިލް އުފެއްދީ، 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ފެހި ޤާނޫނު އަސާސީއާއެކު ޝަރުޢީ ދައިރާގެ އިދާރީ ހިންގުމުގެ ކަންކަން ބެލެހެއްޓުމުގެ ބޭނުމުގައެވެ. އެކައުންސިލް އެކުލެވިފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑީޔާރުންނާއި، ހައިކޯޓުގެ ތަމްސީލް ކުރައްވާ ފަނޑިޔާރަކާއި، ދަށު ކޯޓުތައް ތަމްސީލް ކުރާ ފަރާތަކީ މެޖިސްޓްރޭޓް ކޯޓު ތަމްސީލް ކުރާ ފަރާތްތެއް ހިމެނޭ ގޮތަށެވެ.

ޖުޑިޝަލް ކައުންސިލް އުވުމާއެކު ސުޕްރީމް ކޯޓުގެ ދަށަށް އިދާރީ ހިންގުމުގެ ބާރުތައް ދިޔައެއެވެ. އޭގެ ފަހުން 2019ވަނަ އަހަރު އޭރުގެ އެމްޑީޕީ ސަރުކާރުން ޝަރުޢީ ދައިރާގެ އިސްލާހު ކުރުމަށް ގެނައި ބަދަލުތަކުގައި ތެރެއިން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ދަށަށް ބަދަލު ކުރިއެވެ. މި ބަދަލު ގެނައީ ޝަރޫޢީ ދައިރާގެ އިދާރީ މިނިވަންކަން ކަށަވަރު ކުރުމަށެވެ. އަދި އޭރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށްވެސް އޮތީ ވަޢުދު ވެފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިފައި އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އޮންނަ ބަޔަކަށް އެކޮމިޝަނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުށަހެޅުމަކީ އެ ނުފޫޒުން އެއްކިބާވުމަށް ޖުޑީޝަލް ކައުންސިލް އެކުލަވާލާ އުއްތަމަ ފަންޑިޔާރު ހިމެނޭހެން ޑީޖޭއޭ އަކީ އެކައުންސިލަށް ޖަވާބުދާރީވާނެ ތަނަކަށް ހެދުމެވެ.

"ޖުޑީޝަލް ކައުންސިލް އަލުން ރީއިންސްޓޭޓް ކުރެވޭނެ ގޮތަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަދި އޭގެ އިތުރަށް، އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ޑީ.ޖޭ.އޭ. ބަދަލުވެގެން ދިޔުން. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީ ވާންޖެހޭނީ، ޖުޑީޝަލް ކައުންސިލަށް އަދި ސްޕްރީމް ކޯޓުގެ އިސް ފަނޑިޔާރަށް، އުއްތަމަ ފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ، އަޅުގަނޑު ހިތުން ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް. މިހާރު މި އޮންނަނީ ޤާނޫނަށް ގެނައި ބަދަލަކާ އެކީގައި، މުޅިން އެއްކޮށް ބާރު ބަދަލުވެފައި ޖޭ.އެސް.ސީ.ގެ ދަށަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބަދަލާއެކު އަދުލު އިންސާފުގެ ދައިރާގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ ބާރު ސީދާ އުއްތަމަ ފަނޑިޔާރަށް ލިއްބައިދެއެވެ. 3 ބާރު ވަކިވެފައި އޮތްނަ ނިޒާމެއްގައި ޝަރޫޢި ދައިރާގެ ހިންގުމުގެ ބާރު އެދައިރާގެ އަތްމަތީ އޮތުމަކީ ނިޒާމީ ހަރުދަނާކަމަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ.

މި ބަދަލާއެކު ސަރުކާރުގެ އުއްމީދަކީ ޝަރޫޢީ ދައިރާގެ މިނިވަންކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން ވަޢުދު ވެވަޑައިގަންނަވާފައިވާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރެއިން ޝަރުޢީ ދައިރާގެ ހިންގުން ހަރުދަނާކޮށް މާލީ މިނިވަންކަން ކަށަވަރުކުރުމަށް، އެދައިރާއަށް ހާއްސަކޮށްގެން 807.9 މިލިޔަން ރުފިޔާގެ ބްލޮކް ގްރާންޓެއް މިއަހަރުގެ ބަޖެޓުގައި ތެރެއިން ވަނީ ހަމަޖައްސާފައެވެ.