ޚަބަރު

ޖަޕާނަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް


ޖަޕާނުގެ އިރު އުތުރު އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން، ސުނާމީގެ އިންޒާރާ އެކު އައްސޭރިފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް އަންގައިފިއެވެ.

ރިކްޓަރ މިންގަނޑުން 7.7ގެ ބާރުގަދަ ބިންހެލުމާއެކު 10 ފޫޓާ ހަމައަށް ސުނާމީއެއްގެ ރާޅުތައް އަރާނެކަމަށް ފުރަތަމަ ލަފާކުރިއެވެ. ނަމަވެސް، ފަހުން އެ އިންޒާރު ވަނީ ރައްކާތެރިކަމުގެ އިލްތިމާސަކަށް ބަދަލުކޮށްފައެވެ.

އެ ބިންހެލުމުގައި މާބޮޑު ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށް ޖަޕާނުގެ ސަރުކާރުން ބުންޏެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިގެން ރިޕޯޓުކޮށްފައިނުވާކަމަށް ވެސް ބުނެފައިވެއެވެ.

ޖަޕާނުގެ ދައުލަތުގެ މީޑިޔާ، އެންއެޗްކޭ އިން ބުނިގޮތުގައި، 2011 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމެއްގައި ސުނާމީގެ އަސަރު ކުރި، އޮޓްސުޗީ އާއި ކަމައިޝީ ހިމެނޭ ގޮތަށް އައްސޭރިފަށުގައި ހުރި ބައެއް އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް އަންގާފައިވެއެވެ.

ބިންހެލުމުގެ ލޮޅުންތަކުގެ ސަބަބުން، ބައެއް ރޭލު ދަތުރުތަކާއި ހައިވޭތައް ވަގުތީ ގޮތުން ބަންދުކުރިކަމަށް އެ ނޫހުން ބުންޏެވެ.

ޖަޕާނަކީ އަލިފާންފަރުބަދަތައް ގިނަ، 'ރިންގ އޮފް ފަޔަރ'ގެ ނަން ދީފައިވާ ސަރަޙައްދުގައި އޮންނަ ޤައުމެކެވެ. އެއީ، ބިންހެލުންތަކާއި ލޮޅުންތައް ޢާންމު، ނުރައްކާތެރި ސަރަޙައްދެކެވެ.