އީރާނުގެ ބަނދަރުތަކުން އުޅަނދުތަކަށް ނުފުރޭ ގޮތަށް، އީރާނު ކަނޑުމަގުން ވަށާލާފައިވާ ވަށައިލުން އެމެރިކާއިން އުވާލުމަށް ދެކޮޅު ހަދަމުންދާތީ، ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުން އަލުން ތާށިކޮށް، ކުރިން އޮތް ޙާލަތަށް ރުޖޫޢަކޮށްފައިވާކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނެފިއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅި، މުދާ އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވައިލާފައިވާ ކަން އީރާނުން އިޢުލާނުކުރީ އިއްޔެގެ ވަގުތެއްގައެވެ.
އީރާނުން އެ ނިންމުން ނިންމާފައިވަނީ، ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން މެދުކަނޑާލާފައި މުއްދަތު ހަމަވަންދެން ކަމަށް ބުނެފައިވެއެވެ.
ނަމަވެސް، ހުރްމުޒް ހުޅުވައިލިނަމަވެސް، ކަނޑުމަގުން އީރާނު ވަށައިގެން ބަންދުކޮށްފައި އޮތް އޮތުން ދެމިއޮންނާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނީ، އީރާނުގެ ބަނދަރުތަކުން ލަފާނުފުރޭ ގޮތަށް ބަންދުކުރުމުގެ ނަމުގައި އެމެރިކާއިން ކަނޑުވޭރުމުގެ ޢަމަލުތައް ހިންގަމުންދާ ކަމަށެވެ.
އެހެންކަމުން، އެ ޣައިރުޤާނޫނީ ނިންމުން އަނބުރާ ގެންދަންދެކަށް، ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުފަތުރު ހިފަހައްޓާފައި އޮތް އޮތުން ރުޖޫޢަކޮށްފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ.
އަދި ހުރްމުޒް ކަނޑުއޮޅި އީރާނުގެ އަސްކަރީ ބާރުގެ ދަށަށް ގެނެސް، އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ހުއްދަ ހޯދައިގެން މެނުވީ ދަތުރުނުކުރެވޭނެކަމަށް އައިއާރުޖީސީން ވަނީ އިންޒާރު ދީފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުން ފެށިގެން އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދިޔަ ހަނގުރާމައިގައި ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ނިންމާ، އެ އެއްބަސްވުމަށް ދަނީ ޢަމަލުކުރަމުންނެވެ. މި މުއްދަތުގެ ތެރޭގައި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ޞުލްޙައިގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ.