ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރެއަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެނދުގެ ޖާގައިގެ ދަތިކަންކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި 28 އެނދުގެ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެ މަސައްކަތް މިއަހަރުގެ މެދުތެރެއަށް ނިންމާލުމަށް އަމާޒުހިފާފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ އެނދު އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން އިތުރު ޚިދުމަތްތައް ފެށުމަށްވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު އެމްއާރްއައި މެޝިނަކާއި އެކްސްރޭ މެޝިންތައް ހުޅުމާލެ ހޮސްޕިޓަލްގައި ބަހައްޓާނެކަމަށެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މުހިންމު މަސައްކަތްތަކެއްކަމަށް ސީއީއޯ ވިދާޅުވިއެވެ. ސީޢީއޯ ވިދާޅުވީ މިފަދަ އިތުރު ޚިދުމަތްތައް ފެށުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލުގައި އިތުރު އިމާރާތެއް އަޅަންޖެހޭކަމަށެވެ. އެގޮތުން އިތުރު އިމާރާތެއް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ. މިއިމާރާތުގައި 250 އެނދާއި ޕްރައިވެޓް ރޫމުތަކެއް ޤާއިމް ކުރުމަށްވަނީ ޕްލޭންކޮށްފައެވެ.
" ހުޅުމާލެ ހޮސްޕިޓަލްގެ ގައިނީ ޑިޕާޓްމަންޓްގައި ލޭބަރ ރޫމްތަކާއި ވޯޑެއް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދާނަން. އޭގެ އިތުރުން ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވިއިރު ލިބުނު ރިކުއެސްޓްތަކަށް ބަލާ ހުޅުމާލެ ހޮސްޕިޓަލުގައި މިއަހަރު ނިއުރޮލަޖީ އޯޕީޑީ ޚިދުމަތާއި ޔޫރޮލަޖީ ޚިދުމަތް ފަށަން މަސައްކަތް އެބަކުރަން" މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލަށް 28 އެނދު އިތުރުކުރާއިރު މީގެތެރެއިން 4 އެނދު މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓު، އެޗްޑީޔޫއަށް ޚާއްސަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖެނެރަލް ވޯޑަށް 15 އެނދު އަދި ކުޑަކުދިންގެ ވޯޑަށް 9 އެނދު އިތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގައި މިހާރު ހުރީ 6 އެނދެވެ. މިމަސައްކަތް ނިމޭއިރު ކުޑަކުދިންގެ ވޯޑުގައި ޖުމްލަ 15 އެނދު އަދި ޖެނެރަލް ވޯޑުގައި 27 އެނދު ހުންނާނެ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ޚިދުމަތްތައް އިތުރުކުރުމަށްޓަކައި މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޓިންގ ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއެއް ވަނީ ޤާއިމްކޮށްފައެވެ. މިތަނުގައި ހިމެނެނީ، ލޮލުގެ ބަލިތަކަށާއި، ކަށީގެ ބަލިތަކަށާއި، އަންހެނުންގެ ބަލިތަކުގެ އިތުރުން އާންމު ސަރޖަރީތަކަށް ޚާއްސަ 4 އޮޕަރޭޓިންގ ކޮޓަރިއެވެ. މީގެ އިތުރުން 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓާއި، އައިސީޔޫ ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި މި ޔުނިޓުގައި ގައިން ގަޔަށް އަރާ ބަލިތަކުގައި ހާލު ބޮޑުވާ މީހުންނަށް ގާތުން ފަރުވާދިނުމަށް އައިސޮލޭޝަން ޔުނިޓެއްވެސް ވަނީ ޤާއިމްކޮށްފައެވެ.
އައިސީޔޫގެ އިތުރުން ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާދިނުމަށް 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި ޞިއްޙީ އާލާތްތައް ސާފުކުރުމަށް ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓެއްވެސް ވަނީ ޤާއިމްކޮށްފައެވެ. މީގެ ކުރިން ހޮސްޕިޓަލުގައި ހުންނަނީ އާލާތްތައް ސާފުކުރަން ބޭނުންކުރާ އެއް މެޝިނެވެ.
އިތުރުވެގެން ދިޔަ މި ޚިދުމަތްތަކާއިއެކު ހޮސްޕިޓަލުގެ އީއާރުގެ އެނދުތަކުގެ އަދަދު 7 އިން 14 އަށް ވަނީ އިތުރުކޮށްފައެވެ. ޒަމާނީ ވަސީލަތްތަކާއެކު އީއާރުގެ ޚިދުމަތް ފުޅާކުރިއިރު، ޑައިލިސިސް ޔުނިޓުގެ އެނދުތަކުގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން 10 އެނދާއެކު ދިގު ކިއުއެއް އޮންނަ މި ޔުނިޓުގައި މިހާރު އިތުރު 30 އެނދުން ޚިދުމަތް ދެމުން އަންނައިރު ކިއު އެއްކޮށް މިވަނީ ނައްތާލާފައެވެ.