ސްޕޭނުގެ ފަސް ވަނަ ޑިވިޝަނެއްގެ ކުލަބެއް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ގަނެފި އެވެ.
1951 ވަނަ އަހަރު އުފެއްދި ޔޫނިއީ އެސްޕޯޓިވޯ ކޯނެޔާގެ މައި ހިއްސާ މެސީ ގަތީ ކިހާވަރަކަށް ކަމެއް ނުބުނެ އެވެ. ނަމަވެސް އޭނާ ވަނީ ނޫސް ބަޔާކުން ކުލަބު ގަނެފައިވާކަން ޔަގީންކޮށްދީފަ އެވެ.
މެސީ އެކުލަބަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ބާސެލޯނާއާ ގާތުގައިވާ މި ކުލަބު ގަތުމުގެ މާނައަކީ ވަރަށް އަވަހަށް 39 އަހަރުގެ ކުޅުންތެރިޔާ އަލުން ސްޕޭނުގައި ދިރިއުޅެން ބަދަލުވުން ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅޭ ފޯވަޑް ކުޅުން ހުއްޓާލާނެ އިރެއް މިހާތަނަށް ނުބުނެ އެވެ.
ނަމަވެސް ޔަގީންވެފައިވާ އެއް ކަމަކީ އަންނަ ޖޫން މަހު އެމެރިކާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ވެގެންދާނީ އޭނާގެ ފަހު ވޯލްޑް ކަޕަށް ކަމަށެވެ. އޭގެ ފަހުން މިއާމީގެ ކޮންޓްރެކްޓް 2027ގައި ނިމުމުން މެސީ ކުޅުން ހުއްޓާލާނެ ކަމަށް ވެސް ބެލެވެ އެވެ. ބާސެލޯނާގެ މާލީ ހާލަތު ގޯސްވެ މަޖުބޫރީ ހާލެއްގައި ކުލަބު ބަދަލު ކުރަން ޖެހި ފްރާންސްގެ ޕީއެސްޖީ އާއި މިއާމީ އަށް ދިޔައިރު ވެސް މެސީ ބާސެލޯނާގައިވާ އޭނާގެ ގެ ވިއްކާ ނުލަ އެވެ. އަދި ކުޅުން ހުއްޓާލުމަށްފަހު ދިރިއުޅޭނީ ސްޕޭނުގައި ކަމަށް ވެސް ބުނެ އެވެ.
ބާސެލޯނާގައި މޮޅަށް ކުޅެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ހޯދި މެސީ ފަސް ވަނަ ޑިވިޝަނުގެ ކުލަބެއް ގަތްއިރު ކޯނެޔާގެ އެޑަކަމީ އަކީ މިހާތަނަށް ފާހަގަކޮށްލެވޭ އެކަޑަމީއެކެވެ. އޭނާއާއެކު ބާސެލޯނާ އާއި މިއާމީ އަށް ކުޅުނު ޖޯޑީ އަލްބާ އާއި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ އާއި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް މާޓިން ފަދަ ކުޅުންތެރިންނަކީ ކޯނެޔާގެ އެކަޑަމީން ތަމްރީނުވެ ކުރިއަރައިދިޔަ ކުޅުންތެރިންނެވެ.
މެސީ ފަސް ވަނަ ޑިވިޝަނުގެ ކުލަބެއް ގަތްއިރު ޖޯޑީ އަލްބާ ވެސް ވަނީ މީގެ ކުރިން ފަސް ވަނަ ޑިވިޝަނުގެ ކުލަބެއް ގަނެފަ އެވެ.