އީރާނަށް ޙަމަލާ ދިނުން ހުއްޓައިލުމާ އެއްވަރަށް ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުން މުހިންމު ކަމަށް އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް، މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވެފައި ވަނީ ލުބުނާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ނަބީޙް ބައްރީއާ ފޯނުން ވާހަކަދައްކަވަމުންނެވެ.
އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވަނީ ނިންމައިފައެވެ. މި މުއްދަތުގެ ތެރޭގައި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ޞުލްޙައިގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ. އީރާނުން އަބަދު ވެސް ބުނަމުން ދަނީ އީރާނަށް ޙަމަލާ ދިނުން ހުއްޓައިލުމާ އެކުއެކީގައި ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން ވެސް ހުއްޓައިލަން ޖެހޭ ކަމަށެވެ. ނަމަވެސް ޔަހޫދީންނާއި އެމެރިކާއިން ބުނަމުން ދަނީ އެއީ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޤާލީބާފް ވިދާޅުވީ އީރާނުން މަސައްކަތްކުރަމުން ދަނީ ހަމަނުޖެހުން އުފެދިފައިވާ ހުރިހާ ސަރަޙައްދެއްްގައި ވެސް ދާއިމީ ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ދުޝްމަނުން އެއްބަސްކުރުވުމަށް ކަމަށެވެ. އެއީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް މިހާރު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ލުބުނާނުގެ އަޚުން މަތިން އީރާނުން ދުވަހަކު ވެސް ހަނދާން ނުނެތޭކަމަށާއި، އީރާނުން ދެކެނީ އެއީ އެއްބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދެ ބޭފުޅުންގެ ފޯނު ކޯލުގައި ލުބުނާނުގެ ބައްރީ ވަނީ ޔަހޫދީން އެ ޤައުމަށް އެންމެ ފަހުން ދީފައިވާ ޙާމަލާތަކާ ގުޅޭ ތަފްޞީލް ޤާލީބާފްއާ ޙިއްޞާ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ލުބުނާނުގެ 1.2މިލިޔަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ. ޔަހޫދީންގެ ބޭނުމަކީ އެއީ ކަމަށާއި، ޔަހޫދީން ލުބުނާނުގައި ޖަރީމާ ހިންގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އޭނާ ވަނީ ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން ހުއްޓުވުމަށް އީރާނުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެ ކަމަށް އެ ޤައުމަށް ޝުކުރު ޢަދާ ކުރައްވައިފައެވެ. އަދި ޔަހޫދީންނާއެކު ރަސްމީ މަޝްވަރާތައް ކުރުމަކީ ލުބުނާނުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދިޔަ ޞުލްޙައިގެ މަޝްވަރާގެ ފުރަތަމަ ބުރުގައި ބައިވެރިވި އީރާނުގެ ވަފްދުގައި އިސްކޮށް ހުންނެވީ ޤާލީބާފްއެވެ. އެ މަޝްވަރާތައް ވަނީ ކުރިއެރުމެއް ނުލިބި ނިންމައިލާފައެވެ.