މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް، ތުރުކީގެ ޤައުމީ އެއާލައިން، ޓާކިޝް އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
މި ދަތުރުތައް ކުރާނީ ތުރުކިއޭގެ އިސްތަންބޫލާއި މާލެއާ ދެމެދުއެވެ.
އިތުރުކުރެވޭ ދަތުރުތައް ކުރިއަށްދާނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާއި ހަމައަށެވެ. މިގޮތުން އިސްތަންބޫލުން މާލެއަށް ކޮންމެ ބުދަ ދުވަހަކު ދަތުރުކުރާނެއެވެ. މާލެއިން އިސްތަންބޫލަށް ދަތުރުކުރާނީ ކޮންމެ ބުރާސްފަތި ދުވަހަކުއެވެ. މިއާއެކު މިހާރު ޓާކިޝް އެއާލެއިންސްއިން ކޮންމެ ހަފްތާއަކު ރާއްޖެއާއި އިސްތަންބޫލާއި ދެމެދު ކުރާ ދަތުރުތަކުގެ އަދަދު 4އިން 6އަށް އިތުރުވާނެއެވެ.
ދަތުރުތަކުގެ ތާވަލުގައިވާ ގޮތުން، އިސްތަންބޫލުން ފުރާނީ ރޭގަނޑު 20:20 ގައެވެ. މި ފްލައިޓް މާލެއަށް ޖައްސާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 06:30 ގައެވެ. އަދި މާލެއިން ފުރާނީ ހެނދުނު 08:00 ގައެވެ. މި ފްލައިޓު އިސްތަންބޫލުގައި ޖައްސާނީ މެންދުރުފަހު 14:20 ގައެވެ.
ޓާކިޝް އެއާލައިންސްގެ ދަތުރުތައް އިތުރުކުރުމަކީ ޔޫރަޕާއި އުތުރު އެމެރިކާގެ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލިބޭނެ ބޮޑު ފަސޭހައެކެވެ. އިސްތަންބޫލަކީ ދުނިޔޭގެ އެކި ކަންކޮޅުތައް ގުޅުވައިދޭ މުހިންމު ހަބަކަށް ވުމާއެކު، މިއީ މެދުއިރުމަތީގެ ވައިގެ ސަރަހައްދުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ދަތުރުވެރިންނަށް ލިބޭނެ ރަނގަޅު އަލްޓަނޭޓިވް ރޫޓެކެވެ.
މި އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ވިޔަފާރީގެ މުއާމަލާތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވޭއިރު، މިއީ ރާއްޖެއަކީ ދުރު ރާސްތާގެ މަންޒިލްތަކުގެ ތެރެއިން މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތްކަން ހާމަކޮށްދޭ އަދި ރާއްޖެއަށް އޮތް އިތުބާރު ދައްކުވައިދޭ ބަދަލެއް ކަމަށް ސިނާއަތުގެ އިސްވެރިން ސިފަކުރައްވައެވެ.