ޚަބަރު

އައިޔޫއެމް ސަނާބިލް އިމާރާތް ސެޕްޓެންބަރު މަހު ހުޅުވަނީ


  • ކޮންކްރީޓްގެ %96 މަސައްކަތް ވަނީ ނިންމާފައި

  • މިއީ 8 ފަންގިފިލާއަށް އިމާރާތް ކުރާ ތަނެއް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތުގެ ކޮންކްރީޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހުގައެވެ. މި އިމާރާތަކީ 2004 ވަނަ އަހަރު ކުއްލިއަތުލް ދިރާސަތުލް އިސްލާމިއްޔާ ވުޖޫދުވި ފަހުން، އެ ތަޢުލީމީ އިންސްޓިޓިއުޓްއަށް ނިސްބަތްކޮށް އިމާރާތްކުރާ ފުރަތަމަ ބިނާވެސްމެއެވެ.

އައިޔޫއެމްގެ ސަނާބިލް އިމާރާތް ތަރައްޤީކުރަނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައެވެ. މި އިމާރާތްގެ މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު އިމާރާތުގެ ކޮންކުރީޓުގެ %96 މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި އެއީ މުޅު މަޝްރޫޢު ނިންމުމަށް ކުރާ މަސައްކަތުގެ %60 ކުރިއެރުމެކެވެ.

މި މަޝްރޫޢުއާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ވިދާޅުވީ އިމާރާތުގެ ކޮންކްރީޓްގެ މަސައްކަތްތައް ނިންމާލާފައިވާކަމަށެވެ. އަދި ދެން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ލިފްޓް ހަރުކުރުމާއި ކުލަ ލުންފަދަ ފިނިޝިންގެ މަސައްކަތްތައްކަމަށް އޭނާ ވިދާޅުވިއެވެ. އަމީން ވިދާޅުވީ ކުރިން މި އިމާރާތް 7 ފަންގިފިލާއަށް ތަރައްޤީ ކުރުމަށް ނިންމިނަމަވެސް މިހާރު އިމާރާތް ކުރަނީ 8 ފަންގިފިލާއަަށްކަމަށެވެ. އޭނާ ވިދަޅުވީ އިމާރާތުގެ މަސައްކަތް ކުރިއަށްދާއިރު ގެންނަން ޖެހޭ ކުދި ބަދަލުތައްވެސް ގެންނަމުންދާކަމަށެވެ. ކުރިން އިމާރާތުގެ މަސައްކަތް ޖުލައިމަހަށް ނިންމަން ތާވަލްކޮށްފައިވީނަމަވެސް މިހާރު އިމާރާތުގެ މަސައްކަތް ނިންމާ މިއަހަރުގެ ސެޕްޓެންބަރު މަހަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އަމީން ވިދާޅުވިއެވެ.

"8 ފަންގިފިލާއަށް ތަރައްޤީކުރުމަށް ނިންމީ ޔުނިވަރސިޓީން ޚަރަދުކޮށްގެން އާމްދަނީ ހޯދުމަށް ކުރިއަށްގެންދާ މަޝްރޫޢުއަކަށްވީމަ. އެޗްޑީސީން ހުއްދަ ލިބުމާއެކު އެ މަސައްކަތް ކުރަމުންދަނީ. މި ތަނަކީ ދިގުމުއްދަތަކަށް އާމްދަނީ ލިބޭނެހެން ތަރައްޤީ ކުރާ ތަނެއް." އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް މަޝްރޫޢަކީ އެ ޔުނިވަރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 8 ފަންގިފިލާގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަލް ޕާކިންގ ޖާގަތައް ހިމެނެއެވެ.

މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައި.ޔޫ.އެމްގެ ޞުކޫކު ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީ.އެމް.އެލް އިސްލާމިކް އިންނެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހުޅުމާލެއިން ބިމެއް ރެޖިސްޓްރީ ކުރީ 2019ވަނަ އަހަރުގެ ޖުލައި މަހުއެވެ. އަދި މަޝްރޫޢުއަށް ކޮންޓްރެކްޓަރު ހަމަޖައްސާ އެކަމުގެ އެއްބަސްވުން ޤާއިމުކުރީ 2024 ވަނަ އަހަރުގެ އޮގަސްޓް 22 ވަނަ ދުވަހުއެވެ. ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އޯކް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްއާއެވެ.