ކުޅިވަރު

ވޯލްޑް ކަޕުގައި ދަތުރު ފަތުރުން ބޮޑުވާ އަގު ފީފާއިން ދޭން ޖެހޭނެ!


އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ ވޯލްޑް ކަޕުގައި އެމެރިކާގެ އެތެރޭގެ އެއްގައުމު ދަތުރު ފަތުރު އަގު އަންނުފޯރާ ފަށަށްދާތީވެ، ބޮޑު އަގު ދުނިޔެގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާއިން) އަދާކޮށްދިނުމަށް އެމެރިކާގެ ސެނެޓަރުން ގޮވާލަން ފަށައިފި އެވެ.

ނިއުޖާޒީގެ ގަވަރުނަރު މިކީ ޝެރީލް ވިދާޅުވީ ވޯލްޑް ކަޕް ދުވަސްވަރު އެމެރިކާގެ އެތެރޭގެ ދަތުރު ފަތުރުގެ އަގު އަތްނުފޯރާ ފަށަށް އަރާނެތީވެ އޭގެ ދަތި އުނދަގޫކަން ރައްޔިތުން ތަހައްމަލް ކުރަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމެރިކާގެ ދަތުރު ފަތުރުގެ ބައެއް އިދާރާތަކުން ބުނާ ގޮތުގައި 12 ޑޮލަރާއި 20 ޑޮލަރާ ދެމެދުގައި ހުންނަ އެތެރޭގެ ޓްރޭން ދަތުރުގެ އަގު 100 ޑޮލަރަށް އަރާނެ އެވެ. އަދި އަވަހަށް ތަންތަނަށް ދާން ބޭނުންވާ މީހުން ހޯދާ އަވަސް ހިދުމަތުގެ އަގު ވެސް 10 ޑޮލަރު ނުވަތަ 20 ޑޮލަރުން ފެށިގެން 90 ޑޮލަރާ ހަމައަށް އަރާނެ އެވެ.

މިކަމާ ގުޅިގެން ސެނެޓުގެ މައިނޯރިޓީ ލީޑަރު ޑިމޮކްރެޓިކް ޕާޓީގެ ޝުކް ޝޫމާ ވިދާޅުވީ ވޯލްޑް ކަޕުން އެކަނި ވެސް ފީފާ އަށް 11 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭ ކަމަށެވެ.

"މިހެންވެ ފީފާއިން ދަތުރު ފަތުރުގެ ބޮޑުވާ އަގު އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ ނިއުޔޯކް އޭރިޔާގެ މީހުންނަށް ބޮޑުވާ އަގު ފީފާއިން އަދާކޮށްދޭންވާނެ. އެއީ މިވަގުތު ފީފާ އަށް ކޮށްދެވޭނެ ކަމަކީ. ނިއުޔޯކް މީހުން ތޮށްޖެހިގެން ސްޓޭޑިއަމަށް ދާން ބަލާއިރު އިތުރަށް ހޭދަ ކުރަން ޖެހޭ ބައި ފީފާއިން އަދާކުރުމަށް އަހަރެން ގޮވާލަން،" ޝޫމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ވޯލްޑް ކަޕް ބާއްވާއިރު ގައުމުގެ ރައްޔިތުންނަށް ފީފާއިން އެހީތެރިވެދޭން ޖެހޭނެ ކަމަށެވެ. ސަބަބަކީ މުބާރާތަށް ތައްޔާރުވާން އެމެރިކާ ސަރުކާރުން ސްޓޭޑިއަމްތައް ތައްޔާރު ކުރުމަށާއި ދަތުރު ފަތުރާއި ސެކިއުރިޓީ އާއި މެހުމާންދާތީ އަށް ތައްޔާރުވާން ބޮޑު ހަރަދެއް ކުރާތީ ކަމަށެވެ.