ވޮލީގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށް މިހާރު ރިޓަޔަރކޮށްފައިވާ ކުޅުންތެރިންނަށް ޙާއްސަކޮށްގެން، ދިވެހި ވެޓެރަންސް ވޮލީބޯލް އެސޯސިއޭޝަން (ޑީވީވީއޭ) އިން ކުރިއަށް ގެންދިޔަ ޑީވީވީއޭ ބޮރާކޭ ކަޕް 2026 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތަކީ، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރާނެ ވެޓެރެންސް ކުޅުންތެރިން ދެނެގަނެ، ޓީމު އެކުލަވާލުމަށް އިތުރު އެހީއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
ޙާއްސަ ގޮތެއްގައި، 2027 ވަނަ އަހަރު ޖަޕާނުގައި ބާއްވާ ވޯލްޑް މާސްޓާސް ގޭމްސްއަށް ވެޓެރަންސް ޓީމު އެކުލަވާލާނީ މި މުބާރާތުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލާފައެވެ.
މުބާރާތުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ، ރެޑްބުލް ބީޗް ވޮލީ ކޯޓުގައެވެ.
މި މުބާރާތަކީ ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން، ދިވެހި ވޮލީގެ ލެޖެންޑުން ބައިނަލްއަޤްވާމީ މައިދާނަށް ނެރުމަށް، އެ ފުރުސަތު ހޯދައިދިނުމަށްޓަކައި ބޭއްވި މުބާރާތެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ގިނަ ކުޅުންތެރިންތަކެއް ބައިވެރިވި މު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ޑީވީވީއޭ ޓީމް ޖީ - އޭއެމްއެން އެވެ. އެ ޓީމުގައި ހިމެނެނީ އައިދާ އަބްދުލް ހަކީމާއި އިމްތިޔާޒުގެ އިތުރުން ޝިޔާމާއި ނަސީޙު އެވެ.
މުބާރާތުގެ ރަނަރަޕް ޓީމަކީ ޑީވީވީއޭ ޓީމް އޭ- އެންއެސްއޭ އެވެ. އެ ޓީމުގައި ހިމެނެނީ ފާތިމަތު ޒީނިއާ، އަލީ (ދިގު އައްޔަ)، އަލީ ރަޝީދު، ހަމީދުގެ އިތުރުން އިބްރާޙީމް އާއި އަބްދުލް ސަލާމެވެ.
މުބާރާތުގެ ފައިނަލް މެޗުގެ އެންމެމޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަން ޓީމުގެ އައިދާއެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ހަމަ އެ ޓީމުގެ އިމްތިޔާޒެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅޫންތެރިއަކަށް ހޮވުނީ ރަނަރަޕް ޓީމުގެ ފާތިމަތު ޒީނިއާ އެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަން ޓީމުގެ އިމްތިޔާޒެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ޒީނިއާ، އިމްތިޔާޒް، ޖުނައިދު އަދި ނަސީޙް އެވެ.
މުބާރާތުގެ ފައިނަލް މެޗާއި އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް، މުޙައްމަދު ލަތީފެވެ.