ލ. ގާދޫގައި ބަންކަރިން ޚިދުމަތް ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ސަރަހައްދީ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތްތައް މިހާރު ވަރަށް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވީ، ލާމު އަތޮޅު ގާދޫގައި ބަނދަރަކާއި ބަންކަރިން ޚިދުމަތް ގާއިމުކުރުމަކީ ރައީސްގެ ވައުދެއް ކަމަށެވެ.
"ގާދޫ ސަރަހައްދުގައި ބަނދަރަކާއި ބަންކަރިން ޚިދުމަތް ޤާއިމްކުރުމަށް ޝައުގުވެރިވި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު މިދަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުން. އެކަންވެސް އެބަދޭ ހަަމަ ކުރިއަށް." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ސަރަހައްދީ ބަނދަރުތައް ތަރައްގީކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާ ވަޒީރު ސަޢީދު ވިދާޅުވީ، ކުޅުދުއްފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑެތި ބޯޓުފަހަރަށް ބޭނުންވާވަރަށް ފަޅު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ކީ-ވޯލްއަށް ގެންނަންޖެހޭ ބަދަލުތަކާއެކު، ބަނދަރަށް ޖާގަ އިތުރުކުރުމަށްޓަކައި ބިން ހޯދުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ގެނެސްފައިވާ ބަދަލުތަަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެތަނަކީ ޑިއުޓީ ފްރީ ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ގިނަ އަދަދަކަށް ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ބަނދަރަށް އިތުރު ބަދަލުތައް ގެނައުމަށް ބައެއް ފަރާތްތަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި، އެކަންކަން މިހާރު ހުރީ އިބްތިދާއީ މަރުހަލާގައި ކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ހިތަދޫ ވިޔަފާރި ބަނދަރުގެ ޖާގަ ބޮޑުކުރުމާއި އިތުރު ހިދުމަތްތައް ތައާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި އައްޑޫއަށް ސީދާ ކޮންޓޭނަރު ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު ކުރަމުންދާ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.