ޚަބަރު

އެސޯސިއޭޝަންތަކާއި އެމްއޯސީގެ ނިންމުންތަކަށް އިހުތިރާމްކުރަން: ރާފިޢު


  • ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވާން ނިންމަކީ އެސޯސިއޭޝަންތަކުން

  • ސަރުކާރުން ތަފާތުކުރުމެއް ނުގެންގުޅޭ

  • ވަކި ކުޅިވަރަކަށް އިސްކަމެއް ނުދޭ

ސަރުކާރުގެ ސިޔާސަތަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި އޮލިމްޕިކް ކޮމިޓީން ނިންމާ ނިންމުންތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުން އެކި ކުޅިވަރުތަކަށް ފުރުސަތު ދިނުމުގައި އަމަލުކުރާގޮތް އޮޅުން ފިލުއްވާދެއްވަމުންނެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކަށް ކުޅިވަރުތަކުން އެތުލީޓުން ފޮނުވުމުގައި އަދި ކުޅިވަރުތައް ބައިވެރިކުރުމުގައި ނިންމާ ނިންމުންތަކަކީ ސަރުކާރުން ވަކި ކުޅިވަރަކަށް ތަފާތުކޮށް ނުވަތަ އިސްކަންދީގެން ނިންމާ ނިންމުންތަކެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަށް ކުރިޔަށް ގެންދިއުމުގައި އެންމެ ބޮޑަށް ޝާމިލުވަނީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ކަމަށެވެ.

ވަޒީރު ވިދާޅުވީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާން ރާއްޖެއަށް ފުރުސަތު ލިބުމުން، އެ ފުރުސަތުގެ ބޭނުން ހިފާނެތޯ އާއި އެ ލިބޭ ޖާގަތަކަށް ކުޅުންތެރިން ކަނޑައަޅާނީ އެސޯސިއޭޝަންތަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދެން މިކަމުގައި ކުޅިވަރުތައް ހިމެނުމުގައި އެ ކުޅިވަރުތަކަށް ލިބޭ ސްލޮޓްތައް ކަނޑައަޅަނީ އެ އޮގަނައިޒް ކުރާ ފަރާތްތުން. ކޮން ކުޅިވަރުތަކެއްތޯ އެ ގޭމްސްތަކެއްގައި ހިމަނާނީ. އަދި އެ ކުޅިވަރުތަކަށް ކިތައް އެތުލީޓުންގެ ސްލޮޓްތޯ ޕްރޮވައިޑްކޮށްދެނީ. އަޅުގަނޑުމެންނަށް އެ ސްލޮޓްތައް އައީމަ އެސޯސިއޭޝަންތަކާއި އޮލިމްޕިކް ކޮމިޓީއާއި މިނިސްޓްރީއާއި ވާހަކަދެކެވެނީ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވާނެ ކުޅިވަރުތައް ހޮވުމުގެ ބާރު ކުޅިވަރު ވުޒާރާއަށް ނޯންނަ ކަމަށާއި، އެއްވެސް ކުޅިވަރެއްގައި އެ ވުޒާރާއިން ތަފާތުކުރުން ނުގެންގުޅޭ ކަމަށެވެ.