ހަ ހަފުތާއެއްހާ ދުވަހުގެ ހަނގުރާމައަކަށްފަހު، އިތުބާރު ނެތުމާއި ޝައްކުގެ މާޙައުލެއްގައި ފެށި މަޝްވަރާތަކެއްގައި، އެންމެ ބައްދަލުވުމަކުން އެއްބަސްވުމަކަށް އާދެވުމަކީ ޙަޤީޤަތާ ދުރު، ނާދިރު ކަމެއް ކަމުގައި އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އީރާނާ އެމެރިކާއާ ދެމެދު ބޭއްވި ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވެފައިވާ ކަމުގައި ބުނެ، އެމެރިކާގެ ވަފުދު މަޝްވަރާތަކުން ވަކިވުމުންނެވެ.
ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރާ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައި ވަނީ އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދުގައެވެ. ނަމަވެސް، 21 ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމަށްފަހު، އެމެރިކާގެ ވަފުދުން ވަނީ، ވާހަކަތައް ނާކާމިޔާބުވެފައިވާ ކަމުގައި ބުނެ، އިސްލާމްއާބާދު ދޫކޮށް ފުރާފައެވެ. މި މަޝްވަރާތަކަކީ، ޞަހްޔޫނީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފެށްޓެވި ހަނގުރާމަ ނިމުމަކަށް ގެނެސް، ހަނގުރާމައާ ގުޅިގެން ހުޅަނގު އޭޝިޔާ ސަރަޙައްދު ވެއްޓިފައިވާ ނުތަނަވަސްކަމުން ސަލާމަތްކޮށް، ސުލްޙަވެރި ޙައްލެއް ހޯދުމަށް އޮތް އެންމެ މުހިންމު މަގު ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އީރާނުގެ މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ބަޣާއީ ވިދާޅުވީ، އެ ޤައުމާ ދެކޮޅަށް ޓްރަމްޕް ފެށްޓެވި ޢުދުވާނާ ގުޅިގެން އަމިއްލަ ދިފާޢުގައި ހަނގުރާމަކުރުމަށް މަޖުބޫރުވި ޙާލަތަކަށްފަހު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުން ވަގުތުން ނަތީޖާއެއް ނެރެވިދާނެ ކަމުގައި އެއްވެސް ފަރާތަކުން ޤަބޫލުކުރުމަކީ ކުށްހީއެއް ކަމުގައެވެ. ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ބޭއްވި ވާހަކަތައް ބިނާކޮށްފައިވާ މައި ނުކުތާތަކުގެ ތެރެއިން ގިނަ ކަންކަމާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ. ދެ ފަރާތުގެ ދެމެދުގައި އިތުރަށް ޚިޔާލުތަފާތުވުން އުފެދިފައި އޮތީ ދެތިން މައްސަލައަކާ ގުޅޭ ގޮތުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްވަރާތައް ކާމިޔާބު ކުރެވޭނީ، ދެ ފަރާތުން ވެސް އިޚުލާޞްތެރިކަން އިސްކޮށް، އީރާންގެ އުންސުރުތަކާއި ޤާނޫނީ ޙައްޤުތަކަށް އިޙުތިރާމުކޮށްގެން ކަމުގައި ބަޣާއީ ވިދާޅުވިއެވެ. އީރާންގެ ދައުލަތުގެ މީޑިއާ، އައިއާރްއެންއޭއަށް ދެއްވި ބަސްދީގަތުމެއްގައި ބަޣާއީ ވިދާޅުވީ، ޑިޕްލޮމެސީ ނުވަތަ ޚާރިޖީ މަޝްވަރާތަކަށް އަދިވެސް ފުރުޞަތު އޮތް ކަމަށާއި، އީރާނުން އެ މަގަށް އިސްކަންދޭނެ ކަމުގައެވެ،
"ޚާރިޖީ ދާއިރާއަކީ ޤައުމީ މަޞްލަޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް އޮތް އެންމެ މުހިންމު ވަސީލަތް،" ބަޣާއީ ވިދާޅުވިއެވެ. އަދި، އީރާނާއި ޕާކިސްތާނުގެ އިތުރުން ސަރަޙައްދީ އެކުވެރި ޤައުމުތަކާ އެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި ތެހްރާނުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.