އިންޑިއާގެ ޝިމްލާގައި ކުރިޔަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026 ގެ 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އަދި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ރިހި މެޑަލް ރާއްޖެއިން ހޯދައިފިއެވެ.
15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ރިހިމެޑަލް ހޯދީ ޢާއިޝަތު އަލްސާ ނާފިޒާއި، މުޙައްމަދު ޙަލަފް ރާފިޢުގެ ޕެއާއެވެ. މި ދެކުޅުންތެރިން ފައިނަލްގައި ވާދަކުރީ އިންޑިއާގެ އަދިއްތިޔާ ދާސް އާއި އަންކޮލިކާ ޗަކްރަބަތީގެ ޕެއާއާ ދެކޮޅަށެވެ.
އިންޑިއާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ސެޓުތައް އިންޑިއާއިން ގެންދިޔައީ 11-05، 11-04 އަދި 11-09 ންނެވެ.
ޙަލަފް އާއި އަލްސާ ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި 3-1 ސްރީލަންކާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ރިހި މެޑަލް ހޯދީ ފާތިމަތު ދީމާ ޢަލީއާއި މުޙައްމަދު ޙަލަފް ރާފިޢުގެ ޕެއާއެވެ. މި އިވެންޓުގެ ފައިނަލްގައި ދީމާ އާއި ޙަލަފްގެ ޕެއާ ނިކުތީ އިންޑިއާގެ ޕްރިޔަނޫޖް ބަޓަޗަރިއްޔާ އާއި ޖެނިފަރ ވަރްގެސޭގެ ޕެއާއާ ދެކޮޅަށެވެ.
ފައިނަލް މެޗުގެ ސެޓުތައް އިންޑިއާއިން ގެންދިޔައީ 12-10، 11-02 އަދި 11-05 ންނެވެ.
މި ދެ ކުޅުންތެރިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގައި 3-0 އިން ބަންގްލަދޭޝް ބަލިކޮށްގެންނެވެ.
މި މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުންވެސް ރާއްޖެއިން ވަނީ ރިހި މެޑަލް ހޯދާފައެވެ.