ޚަބަރު

ނަތީޖާއާ މެދު ހިތްހަމަޖެހުނަސް ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރި: ނިއުގެ ކޯޗު


  • މިއީ އަންދްރޭގެ އިރުޝާދުގެ ދަށުން ނިއު ކުޅުނު ފުރަތަމަ މެޗު

  • އޮޑި އަތުން ނިއު މޮޅުވީ 0-4 ގެ ނަތީޖާއަކުން

އެފްއޭ ކަޕުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން ނެރެވުނު ނަތީޖާއާ މެދު ހިތްހަމަޖެހުނު ނަމަވެސް، ޓީމުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުރިކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އައު ކޯޗު، ސްޕެއިންގެ އަންދްރޭ ފްރެންސެސްކޯ މެނުއެލް ބުނެފިއެވެ.

އަށް ޓީމު ބައިވެރިވާ އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގައި އޮޑިއާ ދެކޮޅަށް ނުކުމެ ނިއު މޮޅުވީ 0-4 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގައި އޮޑި އަތުން ނިއުއަށް ހޯދުނު ފުރަތަމަ މޮޅެވެ. މީގެކުރިން ދިވެހި ލީގުގައި ދެފަހަރު އަދި ޕްރެޒިޑެންޓްސް ކަޕުގައި އެއްފަހަރު މި ދެ ޓީމު ބައްދަލުކުރިއެވެ. އޭގެތެރެއިން އެއް މެޗުން އޮޑި މޮޅުވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޓީމުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ފުރަތަމަ ގެނައި އަންދްރޭ ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމާ ހަވާލުވީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ އޭރު ހެޑް ކޯޗުގެ މަގާމުގައި ހުރި އަލީ ސުޒެއިން، އާއިލީ ސަބަބުތަކަކާ ހުރެ އެ ޒިންމާ އުފުލުމަށް އުޒުރުވެރިވުމާ ގުޅިގެންނެވެ.

ނިއުގެ ކޯޗުކަމާ އަންދްރޭ ހަވާލުވިފަހުން ކުޅުނު ފުރަތަމަ މެޗުގައި ހޯދި ބޮޑު މޮޅަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އަންދްރޭ ބުނީ، މެޗުގެ ނަތީޖާއާމެދު ޖުމްލަ ގޮތެއްގައި ހިތްހަމަޖެހުނު ނަމަވެސް، ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ފާހަގަވި ކަމަށެވެ.

އޮޑިއަކީ ވަރުގަދަ ޓީމެއްކަމަށާއި، މި މެޗުގައި ޖެހުނު ލަނޑުތަކުގެ އިތުރުން، މެޗުގެ ނަތީޖާ ނެރުމަށް ނަސީބު ވެސް އެހީތެރިވިކަމަށް ކޯޗު އަންދްރޭ ބުންޏެވެ.

"މެޗާއި މެދު، މެޗުގެ ނަތީޖާއާމެދު އުފާވޭ. އެކަމަކު ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރި. ކުދި ކުދި ކަންކަން އެބަހުރި ރަނގަޅުކުރަން. އޮޑިއަކީ ވަރުގަދަ ޓީމެއް. ޖެހި ލަނޑުތަކާއި ނަސީބުވެސް އެހީތެރިވި މި މެޗުގައި. އެކަމަކު ވެސް ކުޅުންތެރިންގެ ކުޅުމާއިމެދު ހިތްހަމަޖެހޭ. ވަރަށް މޮޅު އެމީހުންގެ ކުޅުން. ވަރަށް ވާދަވެރި، މޮޅު ކުޅުމެއް އެ ކުޅުންތެރިންގެ ފަރާތުން ފެނުނީ.". މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އަންދްރޭ ބުންޏެވެ.

އެފްއޭ ކަޕުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ނިއުއިން އޮޑި ބަލިކޮށް، މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު، މި މެޗުގައި އަލީ ފާސިރު (ސެންޓޭ) ވަނީ ހެޓްރިކް ހަދާފައެވެ. މެޗުގައި ފާސިރުގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ.

މި މޮޅާއެކު ނިއުއިން ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ނިކުންނަން ޖެހޭނީ މުޅިން އަލަށް އެފްއޭ ކަޕުގައި ވާދަކުރާ، ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކުލަބާއެވެ. ބްލޫ އިން މުބާރާތުގެ ސެމީގެ ޖާގައެއް ހޯދީ ކުއާޓަރ ފައިނަލުގައި ކްލަބް އީގަލްސްގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.