ކުޅިވަރު

ގްރީން ސްޓްރީޓްސް، މެޓްރިކްސް އަދި ކޭވައިއާރްސީއަށް މޮޅެއް


  • ލީގުގެ ޗެންޕިއަން މިރޭ ކަށަވަރުވާނެ

  • މިއީ ރާއްޖޭގައި ނެޓްބޯޅަ ލީގެއް ބާއްވާ ފުރަތަމަ ފަހަރު

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ފެށި ގައުމީ ނެޓްބޯޅަ ލީގުގެ ތިންވަނަ ދުވަހުގެ މެޗުތައް ގްރީން ސްޓްރީޓްސް، މެޓްރިކްސް އަދި ކޭވައިއާރްސީއިން ގެންގޮސްފިއެވެ.

އިއްޔެ ހަވީރު ފުރަތަމަ މެޗު ކުޅެފައިވާއިރު އެސްސީ ޝައިނިން ސްޓާ ބަލިކޮށް ފަސޭހަކަމާއެކު 108-36 ގެ ފަރަގަކުން މެޗު ކާމިޔާބުކުރީ ކްލަބް ގްރީން ސްޓްރީޓްސްއިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޓީމުގެ ޖީއޭ ލަޔާން ޢަލީ ރަޝީދެވެ.

ދެވަނަ މެޗުގައި ކްލަބް މެޓްރިކްސް އާއި އެން ސްޕޯޓްސް އެކަޑަމީ ވާދަކުރިއިރު، 85 ޕޮއިންޓުގެ ބޮޑު ފަރަގަކުން މެޗު ކާމިޔާބުކޮށްފައިވަނީ ކްލަބް މެޓްރިކްސްއިންނެވެ. ފަސޭހަކަމާއެކު މެޓްރިކްސްއިން، އެން ސްޕޯޓްސް އެކަޑަމީ ބަލިކުރީ 93-08 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް މެޓްރިކްސްގެ ޖީއޭ އާއިޝަތު ސަލީމާއެވެ.

އިއްޔެގެ ފަހު މެޗުގައި ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ)އިން ވަނީ 58-20ގެ ތަފާތަކުން އެމްވީ ނެޓާސް ބަލިކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭވައިއާރްސީގެ ސެންޓާ މަލަކް އިސްމާއީލް މުހައްމަދެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ ގައުމީ ނެޓްބޯޅަ ލީގުގެ ފަހު މެޗުތައް މިރެޔަށް ތާވަލުކޮށްފަވާއިރު ލީގުގެ ޗެންޕިއަންޓީމު މިރޭ ކަށަވަރުވާނެއެވެ. ލީގުގެ ކުޅުން ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ލީގުގައި ވާދަކުރާ ހަ ޓީމަކީ ކްލަބް މެޓްރިކްސް، ކްލަބް ގްރީން ސްޓްރީޓްސް، ކޭވައިއާރްސީ، އެސްސީ ޝައިނިން ސްޓާ، އެން ސްޕޯޓްސް އަދި އެމްވީ ނެޓާސްއެވެ.

ނެޓްބޯޅަ ލީގުގެ ފުރަތަމަ މެޗު ކުޅެނީ ކޮންމެ ދުވަހެއްގެ ހަވީރު 04:45 އެވެ. ދެވަނަ މެޗު އިރުއޮއްސި 07:30 ގައި ކުޅޭއިރު ފަހު މެޗުގެ ކުޅުން ކުރިއަށްދަނީ ރޭގަނޑު 09:30 ގައެވެ.